ހަބަރު

އިންޑިއާ ބޭނުންވަނީ ކާމިޔާބީ ހިއްސާކުރަން: މިޝްރާ

ފާއިތުވި 69 އަހަރުގެ ތެރޭފައި އިންޑިއާއިން ވަނީ ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ބޮޑެތި ކުރިއެރުންތައް ހޯދާފައި ކަމަށާއި އެ ގައުމުން ބޭނުން ވަނީ އެ ކާމިޔާބީތައް އެހެން ގައުމުތަކާ ހިއްސާ ކުރަން ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 69 ނުވަ ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިޝްރާ ވިދާޅުވީ އެކި އެކި ދާއިރާތަަކުޔައި އިންޑިއާއިން ހޯދާ ކުރިއެރުން ތަކަކީ ހަމަ އެކަނި އިންޑިއާ މީހުންނަށް ޓަކައި ކުރާ މަސައްކަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެން ތަރައްގީ ކުރާ ހައްލުތައް، ހުޅަނގުން ތަރައްގީކުރާ ހައްލުތައް ލިބި ނުގަނެވޭ މީހުންނަށް ލިބޭ ގޮތަށް ބަހައްޓަން،" އޭނާ ވިދާޅުވިއެވެ.

އިންޑިއާއިން ސައިންސާއި ޓެކްނޮލީގެ ދާއިރާއިން ހޯދާފަައިވާ ގިނަ ކުރިއެރުންތަކެއް މިޝްރާ ފާހަގަ ކުރެއްވި އެވެ. އެގޮތުންް އެއް އޮޕަރޭޝަނެއްގައި އެންމެ ގިނަ ސެޓެލައިޓް އެއް ފަހަރާ ލޯންޗް ކުރުމުގެ ރެކޯޑް އޮތީ އެ ގައުމުގައި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާއިން ރެކޯޑް ހެދީ އެންމެ ރޮކެޓެއްގައި 104 ސެޓެލައިޓް ފޮނުވާލައިގެންނެވެ. އޭގެ ކުރިން އެރެކޯޑް އޮތީ ރަޝިޔާގެ އަތުގަ އެވެ. އެ ގައުމުން އެއް ރޮކެޓްގައި ފޮނުވާލީ 37 ސެޓެލައިޓެވެ. އިންޑިއާއިން އެ ރެކޯޑް މުގުރާލީ މިދިޔަ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެއަކީ އިންޑިއާއަށް ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި ވިދާޅުވީ މިދެ ގައުމުގެ ގުޅުމަކީ ޑިޕްލޮމެޓިކް ގުޅުމަށް ވުރެ މާ ގާތް ގުޅުުމެއް ކަަމަށެވެ. އެގޮތުން ސަގާފީ ގޮތުންނާއި ބަހުގެ ގޮތުންް ވެސް ދެގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާގެ 69 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ހެލްްތު މިނސްޓަރު އަބުދުﷲ ނާޒިމް އިބުރާހީމެވެ. ޑިފެންސް މިނސްޓަރު އާދަމް ޝަރީފު އުމަރު ވެސް އެހަފުލާފައި ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުންް އިދިކޮޅު ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނާއި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވެސް އެ ހަފުލާއަށް ވަޑައިގެންނެވިއެވެ. މައުމޫނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ މެމްބަރު ފާރިޝް މައުމޫނު ވެސް މެއެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބުރާހީމް ވިދާޅުވީ އިންްޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އެންމެ ވަރުގަދަ ކޮށްދޭ އެއް ކަމަކީ ދެ ގައުމުގެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ކަމަށެވެ. އެގޮތުންް ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ފަހަކަށް އައިސް އިތުރަށް ބަދަހިވެފައިވާކަން އޭނާ ފާާހަގަ ކުރެއްވިއެވެ.