ހަބަރު

ނަޝީދުގެ މައްސަލައިގެ ބާވަތާއި އަސްލަށް ވެސް ބަލަންޖެހޭ: ދުންޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލުމުން އެކަން ކުށްވެރިކުރާ ގައުމުތަކުން ބަލަނީ އެ މައްސަލަ ހިނގައިދިޔަ ގޮތަށް އެކަނި ކަމަށާއި އެކަަމަކު މައްސަލައިގެ ބާވަތާއި އަސްލަށް ވެސް ބަލަންޖެހޭނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރް) ގައި ގައުމުތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ވާހަކަ ނިންމަވާލެއްވުމުގެ ގޮތުން ދެއްކެވި ވާހަަކާގައި ދުންޔާ ވިދާޅުވީ 2012 ވަނަ އަހަރު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު "ވަގަށް ނެގުމުން" އދ. އިން ވެސް އެކަން ކުށްވެރިކުރި ކަމަށެވެ. ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ އޭނާ ކުރެއްވި ސީރިއަސް ކުށަކާ ގުޅިގެން ކަމަށް އިޝާރާތްކުރައްވަމުން ދުންޔާ ވިދާޅުވީ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަނީ ޝަރީއަތް ކުރިއަށް ދިޔަ ގޮތާ މެދުގައި ކަމަށެވެ.

ޖުޑީޝަރީ އިސްލާހުކުރުމުގެ މަސައްކަތް ދަނީ ކުރިއަށްކަން ފާހަގަކުރައްވަމުން ދުންޔާ ވިދާޅުވީ ޖަލަށް ލުމަށް ހުކުމް ކުރުމުގައި ގޯހެއް ހިނގާފައިވާ ނަމަ އެކަމެއް ރަނގަޅު ކުރުމަށް ފުރުސަތު އެބައޮތް ކަމަށާއި މައްސަލައިގެ އިސްތިއުނާފު މަރުހަލާ ކުރިއަށްދާ ގޮތް ބެލުމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ރާއްޖެ އިން ފުރުސަތު ހުޅުވާލި ކަމަށެވެ.

"ނަމަވެސް ނަޝީދު ނިންމެވީ އިސްތިއުނާފު ނުކުރަން" ކަމަށް ދުންޔާ ވިދާޅުވި އެވެ.

މޭޑޭގެ މުޒާހަރާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ދުވަހު ކުރީ ސުލްހަވެރި މުޒާހަރާއެއް ކަމަށް އަދި މުޒާހަރާ ރޫޅާލުން ކުށްވެރިކުރާ ކަމަށް ބައެއް ގައުމުތަކުން ބުނާއިރު ކަން ހިނގާފައި ވަނީ އެހެން ނޫން ކަމަށެވެ.

"ދީނީ ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީން" އިސްވެ އޮވެ ކުރި މުޒާހަރާ ބާއްވަން، އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ ގާނޫނުގެ ދަށުން ފުލުހުން ވެސް އެއްބާރުލުން ދިން ކަމަށާއި އެކަމަކު މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާ ދިނީ ކަަމަށް ދުންޔާ ވިދާޅުވި އެވެ. އަދި މިއީ ހަމަނުޖެހުން ހިންގުމުގެ ނިޔަތް އޮވެގެން ރޭވި މުޒާހަރާއެއް ކަމުގެ ހެކި ހުރި ކަމަށް ފުލުހުން ބުނާކަން ފާހަގަކުރެއްވި އެވެ.

ފުލުހުންގެ ސަަފުތަކުގެ ތެރެއަށް މުޒާހަރާގެ ބައިވެރިން ޕިކަޕެއްގައި ވަދެގަތުމުން ފުލުހުންނަށް އަނިޔާވި ކަމަށާއި މުޒާހަރާގައި ސީރިއަސް އަނިޔާތައް ބައެއް ފުލުހުންނަށް ލިބި މިހާރުވެސް ފަރުވާ ދެމުން އަންނަ ކަމަށް ދުންޔާ ވިދާޅުވި އެވެ.