ހަބަރު

ދުނިޔޭން ދެކެނީ އިންޑިއާއަކީ އުއްމީދުގެ ހުޅުކޮޅެއްގެ ގޮތުގައި: ނާޒިމް

ދުނިޔޭން ދެކެނި އިންޑިއާއަކީ އުއްމީދުގެ ހުޅުކޮޅެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބުރާހީމް އެ ގައުމަށް ތައުރީފު ކުރައްވައިފިއެވެ.

އިންޑިއާގެ 69 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ތަފާތު ގިނަ ބަސް ބަހުން ވާހަކަ ދައްކާ ގިނަ ނަސްލުތަކުގެ މީހުން އެއް ގައުމެއްގެ ގޮތުގައި ތިބުމުގެ ސަބަބުން އިންޑިއާއަކީ ފާހަގަކޮށްލެވޭ ގައުމެއް ކަމަށެވެ.

"ދުނިޔޭގެ އެހެން މީހުން ދެކެނީ އިންޑިއާ އަކީ އުއްމީދުގެ ހުޅުކޮޅެއްގެ ގޮތުގައި،" އިންޑިއާގެ ޑިމޮކްރަަސީއަށް ތައުރީފު ކުރެއްވުމަށް ފަހު މިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތީ އުހުއްވަތްތެރި ގުޅުމެއް ކަމަށެވެ. އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ އެކަމުގެ ރަމްޒެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި އެ ހަފުލާގައި ވާހަކަ ދައްކަވަމުން އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ އެކި އެކި ދާއިރާތަަކުޔައި އިންޑިއާއިން ހޯދާ ކުރިއެރުން ތަކަކީ ހަމަ އެކަނި އިންޑިއާ މީހުންނަށް ޓަކައި ކުރާ މަސައްކަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެން ތަރައްގީ ކުރާ ހައްލުތައް، ހުޅަނގުން ތަރައްގީކުރާ ހައްލުތައް ލިބި ނުގަނެވޭ މީހުންނަށް ލިބޭ ގޮތަށް ބަހައްޓަން،" އޭނާ ވިދާޅުވިއެވެ.

އިންޑިއާއިން ސައިންސާއި ޓެކްނޮލީގެ ދާއިރާއިން ހޯދާފަައިވާ ގިނަ ކުރިއެރުންތަކެއް މިޝްރާ ފާހަގަ ކުރެއްވި އެވެ. އެގޮތުންް އެއް އޮޕަރޭޝަނެއްގައި އެންމެ ގިނަ ސެޓެލައިޓް އެއް ފަހަރާ ލޯންޗް ކުރުމުގެ ރެކޯޑް އޮތީ އެ ގައުމުގައި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާއިން ރެކޯޑް ހެދީ އެންމެ ރޮކެޓެއްގައި 104 ސެޓެލައިޓް ފޮނުވާލައިގެންނެވެ. އޭގެ ކުރިން އެ ރެކޯޑް އޮތީ ރަޝިޔާގެ އަތުގަ އެވެ. އެ ގައުމުން އެއް ރޮކެޓްގައި ފޮނުވާލީ 37 ސެޓެލައިޓެވެ. އިންޑިއާއިން އެ ރެކޯޑް މުގުރާލީ މިދިޔަ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެއަކީ އިންޑިއާއަށް ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި ވިދާޅުވީ މިދެ ގައުމުގެ ގުޅުމަކީ ޑިޕްލޮމެޓިކް ގުޅުމަށް ވުރެ މާ ގާތް ގުޅުުމެއް ކަމަށެވެ. އެގޮތުން ސަގާފީ ގޮތުންނާއި ބަހުގެ ގޮތުންް ވެސް ދެގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާގެ 69 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ހެލްްތު މިނސްޓަރު އަބުދުﷲ ނާޒިމް އިބުރާހީމެވެ. ޑިފެންސް މިނސްޓަރު އާދަމް ޝަރީފު އުމަރު ވެސް އެހަފުލާފައި ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުންް އިދިކޮޅު ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނާއި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވެސް އެ ހަފުލާއަށް ވަޑައިގެންނެވިއެވެ. މައުމޫނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވެސް މެއެވެ.