ހަބަރު

އެންދެރިމާގޭ ސަރަހައްދު ފުލުހުން ބަންދުކޮށްފި

ކުރީގެ ރައީސް މައުމޫނު ދިރި އުޅުއްވާ އެންދެރި ކުރި ހުންނަ ސަރަހައްދު ބަންދުކޮށްގެން ފުލުހުން އޮޕަރޭޝަނެއް ފަށައިފި އެވެ.

އެ ސަރަހައްދަށް ފުލުހުން ގޮސް އެންދެރި ކުރިއާއި އެންދެރިމާގެ ހުންނަ ސަރަހައްދު ފުލުހުން ބަންދު ކުރީ މައުމޫނު ދިރިއުޅުއްވާ ގެ ބަލައި ފާސް ކުރަން ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ނަމެވެސް އެކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. ރައީސް މައުމޫނު މިވަގުތު ވަޑައިގެން ހުންނެވީ ދަރިކަލުން ފާރިޝް ދިރިއުޅުއްވާ މ. ސްނޯ ރޯޒް ގޭގަ އެވެ.

ފާރިޝް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ.

ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ފާރިސްގެގެ އެޕާޓްމަންޓް ފާސް ކުރަން ކްރިމިނަލް ކޯޓުން ދިން އަމުރުގައި ބުނެފަައި ވަނީ އަމުރު ނެރުނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ.

އެކަމުގައި ލިބިފައިވާ ހެއްކެއް ކަމަށް ބުނެފައި ވަނީ ސިއްރު ހެއްކެއްގެ ބަޔާނެވެ. ބަލައި ފާސްކުރަން ދީފައި ވަނީ 12 ގަޑި އިރެވެ.

ފާރިސް ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށް ކުރާ މަސައްކަތްތަކަކީ ނުފޫޒުގެ ބޭނުން ކޮށްގެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކުރިއަށްގެންދާ ކަންކަން ކަމަށެވެ. ގާނޫނުތަކާ ދެކޮޅަށް ހިނގާ އެފަދަ ކަންކަން ހިނގަމުންދާއިރު އެކަންކަން ހުއްޓުވަން ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.