ހަބަރު

އެންދެރިމާގެ އަށް ވެސް ފުލުހުން ވަދެއްޖެ

ކުރީގެ ރައީސް މައުމޫނު ދިރިއުޅުއްވާ އެންދެރިމާގެއަށް ފުލުހުން ވަދެއްޖެއެވެ.

އެނގިފަައިވާ ގޮތުގައި އެގެއަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނޭނގެއެވެ.

އެ ސަރަހައްދަށް ފުލުހުން ގޮސް އެންދެރި ކުރިއާއި އެންދެރިމާގެ ހުންނަ ސަރަހައްދު ފުލުހުން ބަންދު ކުރީ މައުމޫނު ދިރިއުޅުއްވާ ގެ ބަލައި ފާސް ކުރަން ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ނަމެވެސް އެކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. ރައީސް މައުމޫނު މިވަގުތު ވަޑައިގެން ހުންނެވީ ދަރިކަލުން ފާރިޝް ދިރިއުޅުއްވާ މ. ސްނޯ ރޯޒް ގޭގަ އެވެ. ނަމަވެސް މައުމޫން ދިރިއުޅުއްވާ ފްލޯ ބަލައި ފާސްކުރާކަމުގެ މައުލޫމާތެއްވެސް ވަނީ ލިބިފަ އެވެ.

ފާރިޝް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ.

ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ފާރިސްގެގެ އެޕާޓްމަންޓް ފާސް ކުރަން ކްރިމިނަލް ކޯޓުން ދިން އަމުރުގައި ބުނެފަައި ވަނީ އަމުރު ނެރުނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ.

އެކަމުގައި ލިބިފައިވާ ހެއްކެއް ކަމަށް ބުނެފައި ވަނީ ސިއްރު ހެއްކެއްގެ ބަޔާނެވެ. ބަލައި ފާސްކުރަން ދީފައި ވަނީ 12 ގަޑި އިރެވެ.

ފާރިސް ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށް ކުރާ މަސައްކަތްތަކަކީ ނުފޫޒުގެ ބޭނުން ކޮށްގެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކުރިއަށްގެންދާ ކަންކަން ކަމަށެވެ. ގާނޫނުތަކާ ދެކޮޅަށް ހިނގާ އެފަދަ ކަންކަން ހިނގަމުންދާއިރު އެކަންކަން ހުއްޓުވަން ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.