ހަބަރު

އެނގިގެން ދިޔައީ ސިޔާސީ ހަރަކާތަށް އޮތް ނުރައްކާ: ޔޫއެސް

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ހައްޔަރު ކުރަން ރޭ ފަތިހު ނެރުނު އަމުރަކީ ރާއްޖޭގައި ސިޔާަސީ ހަރަކާތް ހިންގުން ރާއްޖޭގައި އަދިވެސް އޮތީ ނުރައްކަލުގެ ތެރޭގައި އޮތްކަން ދައްކައިދޭ ކަމެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއީ ގާނޫނީ އިޖުރާއަތް ވެސް ނުރައްކަލުގެ ތެރޭގައި އޮތް ކަން ދޭހަވާ ކަމެއް ކަމަށެވެ.

ފާރިސް މައުމޫނު ހައްޔަރުކުރިކަން ހާމަ ކުރައްވައި އޭނާގެ ވަކީލު މައުމޫނު ހަމީދު ކުރެއްވި ޓްވީިޓެއް ރިޓްވީޓް ކުރައްވަމުން ކެޝަޕް ވިދާޅުވީ އެ ދެކަންތައް ނުރައްކަލުގެ ތެރޭގައި އޮތްކަން ހަވަނީ މަގާމާ ހަވާލުވިތާ ހަފުތާއެއް ނުވާ ފަނޑިޔާރަކު ފަތިހު 4.00 ޖެހި އިރު އެފަދަ އަމުރެއް ނެރުއްވުމުން ކަމަށެވެ.

"އިންތިހާބުކޮށްފައިވާ ޕާލަމެންޓް މެމްބަރަކު ޖަލުގައި ހުންނަވާތާ 191 ދުވަސް ފަހުން ހަމަ ދޫކޮށްލުމާއި އެކު ، ބަލައި ފާސްކޮޮށް އޭނާ ހައްޔަރު ކުރަން، ބެންޗަށް ވަޑައިިގެންނެވިތާ ހަފުތާއެއް ނުވާ ފަނޑިޔާރަކު އަމުރެއް ނެރުއްވުމުން ދޭހަވަނީ ގާނޫނީ އިޖުރާއަތްތައް ހިންގުމުގެ ކަންތަކާއި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ރާއްޖޭގައި އަދިވެސް އޮތީ ނުރައްކަލުގެ ތެރޭގަައިކަން،" ޓްވީޓުގައި ކެޝަޕް ވިދާޅުވެފައި ވެއެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ބަންދުކޮށްފައި ހުންނަތާ 191 ދުވަސް ވީ ފަހުން އޭނާ މިނިވަން ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއަދު މެންދުރުފަހުން އޭނާ އަލުން ހައްޔަރުކުރީ އޭނާއާ ދެކޮޅަށް ކުރިންވެސް ތުހުމަތުތަކާ ގުޅުވައިގެންނެވެ. އެއީ ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން ރޭވުމާއި ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތެވެ.

އަލުން ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނިކޮށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ފާރިސް ވިދާޅުވީ، ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފާ އޭނާ މިއަދު ބައްދަލު ކުރެއްވި ކަމަށާއި އޭނާ ހައްޔަރުކުރަން ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާއި ހުދު ރައީސް ޔާމީން ވެސް ގުޅުއްވާފައި ވިދާޅުވި ކަމަށް އަރީފް ވިދާޅުވި ކަމަށެވެ.

ފާރިސް އެހެން ވިދާޅުވުމުގެ ކުރިން މިއަދު ހެނދުނު އަރީފް ކޮމިޝަނާ ކަމުން އިސްތިއުފާ ދެއްވި ކަމުގެ ހަބަރުތައް ވެސް ފެތުރުނެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.