ވިޔަފާރި

ފުރަތަމަ ތިން މަހު އިގްތިސާދުން ފެނުނީ ކޮން މަންޒަރެއް؟

ސަރުކާރު ކުންފުނިތަކުގެ ފައިދާ އިތުރުވުން މިއީ އިގްތިސާދު ކުރިއަރާ ކަމުގެ "ނިޝާނެއް" ހެއްޔެވެ؟ ދައުލަތައް ލިބޭ އާމްދަނީ އިތުރުވުމަކީ އިގްތިސާދީ ދުވެލި، ދައްކައިދޭ ކަމެއް ހެއްޔެވެ؟ މި ސުވާލުތައް ދޫކޮށްލަނީ ކިޔުންތެރިންނަށެވެ. ނަމަވެސް ތިރީގައި މި ހިމަނާލަނީ މި އަހަރުގެ ނިމިދިޔަ ތިން މަހު ރާއްޖޭގެ އިގްތިސާދުގެ ބައެއް އުސް އަލިތަކެވެ. ފުރަތަމަ ތިން މަހުގެ އިގްތިސާދަށް އައި ބަދަލުތަކުގެ ކުޑަ މަންޒަރެކެވެ. 

މި އަހަރުގެ ފުރަތަމަ ތިން މަސް ވެގެން ދިޔައީ، ސަރުކާރުގެ ކުންފުނިތަކަށް ތިޔާގި ތިން މަހަށެވެ. ނަތީޖާއެއްގެ ގޮތުގައި ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ކުންފުނިތަކުގެ ފައިދާ މިވަނީ މަތިވެފަ އެވެ. މީގެ ސަބަބުން ހިއްސާދާރުން ނަށް ލިބޭ މަންފާ ވެސް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ސަރުކާރުގެ ކުންފުނިތަކަށް ބަލާއިރު ފައިދާގެ، ސަފުގެ އެންމެ ކުރީގައި އޮތީ ބަހުރެއިންގެ ބަޓެލްކޯ އާއި ދިވެހި ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓެލެކޮމް ކުންފުނި، ދިރާގެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު ދިރާގަށް ސާފު ފައިދާގެ ގޮތުގައި 185.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ ތިން މަހު އެ ކުންފުންޏަށް 585 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އާމްދަނީގެ ގޮތުގައި 227 މިލިއަން ރުފިޔާ ލިބުނެ އެވެ. އެ ކުންފުނިން ވަނީ ފައިދާ އިން ހިއްސާއަކަށް 9.23ރ. ބަހަން ނިންމާފަ އެވެ.

ހިއްސާ ބަހާ ކުންފުނިތަކުގެ "ފައިދާ" ގެ ލިސްޓުގެ އެންމެ އުހުގައި ދިރާގު އޮތްއިރު، ދެވަނަ އަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ގައުމީ ބޭންކް ބީއެމްއެލް އަށެވެ. އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 110.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބީއެމްއެލްއަށް ފުރަތަމަ ތިން މަހު އާމްދަނީގެ ގޮތުގައި 379.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ކުންފުނީގެ ފައިދާ އިން ހިއްސާއަކަށް 16ރ. ބަހަން ވަނީ ހުށަހަޅާފަ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން، ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަނެއް ކުންފުންޏަކީ އެމްޓީސީސީ އެވެ. އެ ކުންފުންޏަށް 41.2 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި އާމްދަނީގެ ގޮތުގައި 219 މިލިއަން ރުފިޔާ ލިބުނެވެ. އެ ކުންފުނިން ވަނީ ފައިދާ އިން ހިއްސާއަކަށް 20ރ. ބަހަން ހުށަހަޅާފަ އެވެ.

ރާއްޖެއަށް ތެލާއި ކާޑު އެތެރެކުރާ އެސްޓީއޯ އަށް، ނިމިދިޔަ ތިން މަހު 77.4 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ލިބުނީ 92.2 މިލިއަން ރުފިޔާ އެވެ. އެ ކުންފުނިން ވަނީ ފައިދާ އިން ހިއްސާއަކަށް 24ރ. ބަހަން ހުށަހަޅާފަ އެވެ.

ޓޫރިޒަމް "ފައްކާކުރުމަށް" އުންމީދުތަކާއެކު ސަރުކާރުން އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަކީ ފައިދާގެ ލިސްޓުގެ އެންމެ ފުލުގައި އަބަދު ވެސް އޮންނަ ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނިން "ބޯ ހިއްލާލާ" ތަން މިވަނީ ފެންނަން ފަށާފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީޑީސީއަށް ގާތްގަނޑަކަށް 15 ވަރަކަށް މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

ދައުލަތައް ލިބޭ ފައިސާ ބަލައި ގަންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ތިން މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 33.6 ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި މީރާ އަށް 3.72 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 2.78 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 1.2 މިލިއަން ރުފިޔާ އެވެ. އަދި ބީޕީޓީގެ ގޮތުގައި ފުރަތަމަ ކުއާޓާގައި 982 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 776 މިލިއަން ރުފިޔާ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ތަފާސް ހިސާބުތައް އާއްމުކޮށްފައިވަނީ މާޗް މަހުގެ ނިޔަލަށެވެ. ޖެނުއަރީ/ މާޗް މަހާއި ހަމައަށް ބަލާއިރު ރާއްޖެއަށް 329،968 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 321،561 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 2.6 ޕަސެންޓުގެ ކުރިއެރުމެކެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ތަކަށް ބަލާއިރު ޗައިނާ އިން ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ 1.6 ޕަސެންޓް އިތުރުވެފަ އެވެ. އަދި އިޓަލީން ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ 16.6 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދުވެސް ވަނީ އަށް ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް ރަޝިޔާ އިން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިވަނީ 43 ޕަސެންޓް ދަށަށް ގޮސްފަ އެވެ.