ހަބަރު

ދިމާވެގެން އުޅެނީ އާއިލީ މައްސަލައެއް ކަމަށް ދުންޔާ ވިދާޅުވެއްޖެ

އާއިލާގެ ތެރޭގައި އުފެދޭ ހިޔާލު ތަފާތުވުމުގެ ސަބަބުން އޭގެ އަސަރު ރައްޔިތުންނަށް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، މިހާރު ހިންގަމުންދާ ކަންކަމަކީ އާއިލީ މައްސަލައެއްގެ ގޮތުގައި ހެލްތް މިނިސްޓްރީގެ ނައިބެއްގެ މަގާމުގައި ހުންނެވި ދުންޔާ މައުމޫން މިރޭ ސިފަ ކުރައްވައިފި އެވެ.

ދުންޔާގެ ކޮއްކޯފުޅު ދޫކޮށްލިތާ ދެ ދުވަސް ނުވަނީސް އަނެއްކާވެސް ހައްޔަރުކޮށް، ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދަނިކޮށް ދުންޔާ ވިދާޅުވީ، އާއިލާގެ ތެރޭގައި ޖެހިފައިވާ މައްސަލައަކުން ރައްޔިތުންނަށް އަސަރުކޮށްގެން ނުވާނެ ކަމަށެވެ. އެ މައްސަލަތައް އާއިލާގެ ތެރެއިން ހައްލު ކުރެވެން ޖެހޭނެ ކަމަށެވެ. މަޝްވަރާކޮށްގެން ހައްލު ނުކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

އާއިލީ މައްސަލައެއްގެ ގޮތުގައި މިހާރު ސިޔާސީ މައިދާނުގައި ހިނގަމުންދާ ކަންކަން ދުންޔާ ސިފަ ކުރެއްވިއިރު، މިއަދު ފާރިސް މައުމޫން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ފާޑުވިދާޅުވެފަ އެވެ. އަދި އޭނާ ހައްޔަރުކުރަނީ ސީދާ ރައީސް ޔާމީން އަންގަވައިގެން ކަމަށް ވިދާޅުވެފަ އެވެ.

ފާރިސް ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު އެ ގޭގައި ރައީސް މައުމޫނާއި ދައްތާފުޅު ޔުމްނާ މައުމޫން ތިއްބެވި އެވެ. ނަމަވެސް ދުންޔާ އާއި ފާރިސްގެ ކޮއްކޯފުޅު ގައްސާން މައުމޫން އެތަނުން ފެނިފައެއް ނުވެ އެވެ. އެ ދެ ބޭފުޅުން މަސައްކަތް ކުރައްވަނީ ރައީސް ޔާމީންއާއެކު އެވެ. އަދި ކޮންމެ ފުރުސަތެއްގައި ވެސް އެ ދެ ބޭފުޅުން ގެންދަވަނީ ރައީސް ޔާމީނަށް ތައުރީފް ކުރައްވަމުންނެވެ.

އިދިކޮޅު އެންމެ އިސް ލީޑަރުގެ ގޮތުގައި ރައީސް މައުމޫން އުޅުއްވާއިރު ޔުމްނާ ވެސް އެއީ މިހާރު އިދިކޮޅު އިސް ބޭފުޅެކެވެ. ރައީސް މައުމޫން އެންމެފަހުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް ވަނީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އެމަނިކުފާނު އަބަދުވެސް ވިދާޅުވަނީ ގައުމަށް އިސްލާހީ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އާއިލީ މައްސަލައެއް އެމަނިކުފާނާއި ރައީސް ޔާމީންއާ ދެމެދު އޮތް ކަމަކަށް ދުވަހަކު ވެސް ވިދާޅެއް ނުވެ އެވެ.