ހަބަރު

އަސާސީ ހިދުމަތް ދޭ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފިން: ޑިފެންސް

އަސާސީ ހިދުމަތްތައް ފޯރުކޮށް ދޭ ތަންތަނުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް ޑިފެންސް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރު ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، އާންމުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ސަލާމަތީ ކަންތައްތައް ހުރި ގޮތުގެ އޮޑިޓެއް ހެދި ކަމަށެވެ. އެއަށް ފަހު އެ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެމްޑަބްލިއެސްސީ އާއި ސްޓެލްކޯ އާއި ތެޔޮ ރައްކާކުރާ ފުނަދޫގައި ކުއްލި ހާދިސާއެއް ހިނގައިފި ނަމަ އެ ކަންކަން ހައްލު ކުރަން ފިޔަވަޅުތައް އެޅުނު ކަމަށް ވިދާޅުވި އެވެ.

"އަލިފާން ނިންވުމުގެ ކަންކަން ހަރުދަނާ ކުރުމާއި މި ކަންކަމަށް ގިނަ ކަންތައްތަކެއް ކުރެވުނު. އަދި އާންމު ރައްޔިތުންނަށް ދޭ ހިދުމަތްތައް މެދުނުކެޑި ލިބޭނެ ގޮތަށް އެފަދަ ހާދިސާތައް މަދު ކުރުމަށް އަޅަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅު ވަނީ އެޅިފައި،" ޒުހެއިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ރައްކާތެރި ކަމާ އެކު ފޯރުކޮށްދިނުމަށް ފަހިކޮށްދޭން ޖެހޭ ކަންކަން ޑިފެންސް މިނިސްޓްރީ އިން ކުރަމުން ގެންދާނެ ކަމަށެވެ. އެގޮތުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު މެދުވެރިކޮށް ފެނަށް ޖެހޭ ރަށްރަށަށް ފެންފޯރުކޮށް ދިނުމާއި އަލިފާނުގެ ހާދިސާ ފަދަ ގުދުރަތީ އެކި ކަންކަމުން އާންމުންނަށް ލިބޭ ގެއްލުންތަކަށް އެހީތެރިވުން އަދި އޭވިއޭޝަން ކޮމާންޑް މެދުވެރިކޮށް ރާއްޖޭގެ ވައިގެ ދަތުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެކި ކެމިކަލްތައް އެތެރެ ކުރާ ފަރާތްތަކުގެ ޑޭޓާ ބޭސްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އަދި އެކަން ކުރަން ނިންމީ އެފަދަ ތަކެތި އެތެރެކޮށް ވީހާ ވެސް ރައްކާތެރި މާހައުލެއްގައި ގެންގުޅޭކަން ކަށަވަރު ކުރުމަށެވެ. މީގެ އިތުރުން، ޕެޓްރޯލް ފަދަ ފަސޭހައިން އަލިފާން ހިފާތަކެތި ގެންގުޅޭ ތަންތަނުގެ ރައްކާތެރި ކަމުގެ މިންގަނޑު ހުންނަން ޖެހޭ ގޮތުގެ އާ ގަވާއިދެއް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މި މިނިސްޓްރީ އިން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނާނެ،" ޒުހެއިރު ވިދާޅުވި އެވެ.