އިދިކޮޅު ފަރާތްތައް

ފާރިސް ހައްޔަރުކުރީ ނުފޫޒުން، ސިޔާސީ މަންފާއަށް: އިދިކޮޅު

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިނިވަން ކުރުމަށްފަހު އަލުން ހައްޔަރު ކޮށްފައިވަނީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ސިޔާސީ މަންފާއެއް ހާސިލް ކުރައްވަން ކަމާބެހޭ މުއައްސަސާތަކަށް ބަރާއި ނުފޫޒު ފޯރުވައިގެން ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.

ހަމަސް ދުވަހަށްފަހު ފާރިސް ދޫކޮށްލިތާ ދެ ދުވަސް ނުވަނީސް އިއްޔެ ވަނީ ކޯޓް އަމުރެއްގެ ދަށުން އާ މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި، ހުސައިން ޝަހީދު ސޮއި ކުރައްވައި ނެރުއްވާފައިވާ ހައްޔަރު އަމުރުގައި ފާރިސްއަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ މެދެއްހާތާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް ފައިސާ ބަހައި ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ބަދަލު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި ފާރިސް ދޫކޮށްފައި ބެހެއްޓުމަކީ ތަހުގީގަށް ހުރަސް އެޅި، ހެއްކަށް ނުފޫޒު ފޯރުވަދޭނެ ކަމަށް ވެސް ތުހުމަތުވާ ކަމަށެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރު ކުރަނީ ސިއްރު ހެކިވެރިއެއްގެ ބަޔާނެއްގެ މައްޗަށެވެ. ކުރިމިނަލް ކޯޓުން ވަނީ ފާރިސްގެ ބަންދަށް 15 ދުވަސް ޖަހާފައި އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ފާރިސް ހައްޔަރު ކޮށްފައިވަނީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށާއި ވެރިކަން ވައްޓާލަން އުޅޭކަމަށް ބުނާ މައްސަލައެއްގައި އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ގާނޫނީ އިމުގެ ބޭރުން ސިޔާސީ މަންފާއެއް ހާސިލު ކުރުމަށް ކަމަށެވެ. މިފަހަރު ވެސް ނުކުރާ ކުށަކަށް، ނުފަށާ ޝަރީއަތަކަށް ބޭއިންސާފުން އޭނާއަށް އަނިޔާ ދެމުންދާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުގެ ބަޔާނުގައި ވެއެވެ.

"... ހަގީގަތުގައި ފާރިސް މައުމޫން ގެ މައްޗަށް ތުޙުމަތުތަކެއް ކޮށްފައިވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުންގެ ސޮޔާއިއެކު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއި ގުޅިގެން، އެ މައްސަލައިގައި ސޮއިކުރެއްވި މެންބަރުންނަށް އޭނާ ރިޝްވަތު ދެއްވި ކަމަށް ބުނާ އިންޓެލް ރިޕޯޓެއްގެ މައްޗަށް ކަމަށް ބުނެ، އޭނާ މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކޮށްފައެވެ. ނަމަވެސް އެ މެންބަރުން ބުނަމުންދަނީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވަނީ އަމިއްލަ އިހުތިޔާރުގައި އެއްވެސް ނުފޫޒެއް ނެތި،" ބަޔާނުގައި ވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިއްޔެ ކުރެއްވި ޓްވީޓަކަށް އިޝާރާތްކޮށް ބަޔާނުގައި އެ ބުނެފައިވަނީ، އެނގިގެންދާ ކަމަކީ ފާރިސް ހައްޔަރު ކޮށްފައިވަނީ ސަރުކާރުން ކަމާގުޅުން ހުރި ހުރިހާ މުއައްސަސާ ތަކަކަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ.

"ފާރިސް މައުމޫން ހައްޔަރުކޮށް، ހެދިފައިވާ ގާނޫނު ތަކުގެ ބޭރުން އެމަނިކުފާނާއި ދޭތެރޭގައި އަމަލު ކުރަމުން ގެންދަވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަން،" ބަޔާނުގައި ވެއެވެ.