ވިޔަފާރި

ޕެޓިޝަން ހުށަހަޅަން ޓީމުން މާލޭގައި ރެލީއެއް ބާއްވަނީ

May 7, 2015

ރިސޯޓް މުވައްޒަފުންގެ ހައްގު ހޯދައި ދިނުމަށް ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން (ޓީމު) ން ސޮއިކުރި، ޕެޓިޝަން ސަރުކާރަށް ހުށަހަޅަން މާލޭގައި ރެލީއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ސޯލްޓް ރެސްޓޯރެންޓުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޓީމްގެ ސެކްޓަރީ މައުރޫފު ޒާކިރު ވިދާޅުވީ 70 އަށްވުރެ ގިނަ ރިސޯޓުގެ މުވައްޒަފުންގެ ސޮޔާއިއެކު ހުށަހަޅާ މި ޕެޓިޝަން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޕެޓިޝަން ހުށަހެޅުމަށް "ވިސްނަމުން ދަނީ" މިމަހުގެ 30 ވަނަ ދުވަހު ކަމަށާއި، މިކަމަށް މާލޭގައި ބާއްވާ ރެލީގައި މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕެޓިޝަން ހުށަހަޅަން ބާއްވާ ރެލީގައި ހަމައެކަނި ބައިވެރިވާނީ މަސައްކަތް ތެރިން. ރެލީގައި ސިޔާސީ މީހުންނަށް ބައިވެރިވުމަށް އަޅުގަނޑުމެން ދައުވަތެއް ނުދޭނަން،" މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެޓިޝަން ހުށަހެޅުމަށް ބާއްވާ ރެލީގައި އިންޓަނޭޝަނަލް ޓްރޭޑް ޔޫނިއަން ކޮންފެޑަރޭޝަން (އައިޓީޔޫސީ) އާއި އިންޓަނޭޝަނަލް ޔޫނިއަން ފޯ އެގްރިކަލްޗާ، ހޮޓެލް، ރެސްޓޯރެންޓް، ކޭޓަރިން، ޓޮބޭކޯ އެންޑް އެލައިޑް ވޯކާސް އެސޯސިއޭޝަން (އައިޔޫއެފް) މެންބަރުން ބައިވެރިވާނެ ކަމަށެވެ.

ޓީމުން ފަސް ކަމެއް ފާހަގަ ކޮށް ސޮއިކުރަމުންދާ ޕެޓިޝަންގައިވާ ކަންތައްތަކުގެ ތެރޭގައި ރިސޯޓު ތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަކީ 600 ޑޮލަރު ކަމުގައި ހަމަޖެއްސުމާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް 80 ޕަސެންޓަށް ބަދަލު ކުރުމަށް ކަނޑައަޅައި މަސައްކަތްތެރިންގެ ބައިވެރިވުމާއިއެކު އެކަން ތަންފީޒު ކުރަން ފެށުން ހިމެނެ އެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް ރިލޭޝަން ގާނޫނެއް ފާސްކޮށް ތަންފީޒު ކުރަން ފެށުމާއި ސާވިސް ޗާޖު 12 ޕަސެންޓަށް ބަދަލުކޮށް ތަންފީޒު ކުރަން ފެށުމާއި މި ސަރުކާރުގެ ވައުދެއް ކަމަށް "ރިސޯޓު ހިއްސާ ރިސޯޓު މުވައްޒަފުން" ނަށް ދިނުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ލިބުމާއި، މި ވައުދު ފުއްދުމަށް މުވައްޒަފުންގެ ފަރާތުން ކޮށްދެވޭނެ ކަންކަން ދެނެގަތުން ހިމެނެ އެވެ.