ހަބަރު

އިތުރު ދާއިރާތަކުން ރާއްޖެ-ޕާކިސްތާން ގުޅުން ވަރުގަދަ ކުރަނީ

ރައީސް އަބްދުﷲ ޔާމީން ޕާކިސްތާނަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އިތުރު ދާއިރާތަކަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވެއްޖެ އެވެ.

އެކަމާ ގުޅޭ އެމްއޯޔޫތަކުގައި ދެ ގައުމުގެ ދެމެދުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެ ގައުމުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފާ އެކު މިއަދު ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު ނޫސްވެރިންނަށް ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައި ރައީސް ވިދާޅުވީ ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތީ ވަރަށް ވެސް ގާތްގުޅުމެއް ކަމަށެވެ. އަދި ރާއްޖެއަށް ވަރަށް މުހިންމު ވަގުތުތަކުގައ ޕާކިސްތާނުން އެކަން ސާބިތުކޮށްދިންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މި ދަތުރުފުޅާ އެކު އިތުރުދާއިރާތަކުން ގުޅުން ބަދަހިވެގެން ހިނގައްޖެ ކަމަށެވެ.

"އިންފްރަސްޓްރަކްޗާ، ޑިފެންސް މީހުން ބިނާކުރުން މި ދާއިރާތަކުން ރާއްޖެއާ ޕާކިސްތާނާ ދެމެދު އޮތީ ވަރަށް ގާތް ވަރުގަދަ ގުޅެއް. އެ ގުޅުން އިތުރަށް ހަރުދަނާވެ އާ ރޮނގުތަކުން ރާއްޖެ އާއި ޕާކިސްތާނާ ދެމެދު މި ދަތުރުގެ ސަަބަބުން ގުޅުން ބަދަހިވެގެން ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ.

ޕާކިސްތާނާ ރާއްޖެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން އަބަދުމެ އެގޮތުގައި ދެމި އޮންނާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން ސާކް ސަރަހައްދުގެ ތެރެއިން ރާއްޖެއަށް އެންމެ އިހުލާސްތެރި އަޅާލައި ރަށްޓެހިންގެ ތެރޭގައި ޕާކިސްތާނު ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެ ޕާކިސްތާނުގެ ގާތްގުޅުމުގެ މުހިންމުކަމުގެ ވާހަކަތައް ތަކުރާރު ކުރައްވަމުން ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމާއި ވިޔަފާރި އާއި ޓޫރިޒަމްގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެއްބާރުލާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވުނު ކަމަށެވެ. އަދި އެ ގުޅުން ބޭއްވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވި އެވެ.

ރާއްޖެއަށް މިހާރު ވެސް ދޭ ސްކޮލަޝިޕްތަކާއި އެހެން ވެސް އެހީތައް އެގޮތުގައި ދަމަހައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެއަށް އެހީވުމަކީ އެގައުމަށް ލިބޭ އުފަލެއް ކަމަށް ވެސް ބޮޑު ވަޒީރު ފާހަގަ ކުރެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އާއި އެހެން ވެސް ސަރުކާރުގެ ކަމާ ގުޅޭ އެންމެ އިސްވެރިންނާ ވަނީ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ބާއްވައިފަ އެވެ. އަދި ޕާކިސްތާނުގެ ރައީސް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ވެސް ވަނީ ދައުވަތު ދެއްވައިފަ އެވެ.

އެ ދަތުރުފުޅުގައި މަޖިލީހުގެ ރައީސް އާއި ކެބިނެޓް މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.