ރަޝިޔާ

ރަޝިޔާގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި

މިހިނގާ 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ގޮވާލުމުން ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެގްޒީ ނަވަލްނީ ހައްޔަރުކޮށްފިއެވެ.

ރޮއިޓާސް ބުނީ އާދީއްތަ ދުވަހު ނަވަލްނީ ހައްޔަރު ކުރީ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާނެ ކަަމަށް ވިދާޅުވެ، އެއްވުމެއްގައި ތަގުރީެރުކުުރެއްވިތާ ކުޑަ އިރުކޮޅެެއްގެ ތެރޭގައި ކަމަށެވެ. އެއްވުން ބޭއްވީ ވެރިރަށް މޮސްކޯގައެެވެ.

ރަޝިޔާ ފުލުހުން ނަވަލްނީ ހައްޔަރު ކުރި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާއްމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުން ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން ތިބި ފުލުހުންތަކެއް ނަވަލްނީއަށް ހަމަލާދީ އޭނާ މަގެއްގެ ދުވާރު މައްޗަށް ވައްޓާލައެވެ. އަދި އެއަށް ފަހު އޭނާގެ ފައިގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ފުލުހުންގެ ވެހިކަލަކަށް އަރުވައެވެ.

އޭނާ ހައްުޔަރު ކުރީ ރިޔާސީ ގަނޑުވަރު ކްރެމްލިންއާ ކައިރި ހިސާބެއްގައިވާ މައި މަގެއްގެ މަތިންނެވެ.

ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ފަސޭހައިން ކާމިޔާބުކުރައްވާނެކަން ޔަގީންވާ ރިޔާސީ އިންތިހާބަށް އަސަރެއް ކުރުވުމަކީ ނަވަލްނީއަށް ކުރެއްވޭނެ ކަމެއް ނޫނެވެ. އެއީ އެގައުމުގެ ނިޒާމު އޮތް ގޮތުންނެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކައިގެން ސަރުކާރާ ދެކޮޅަށް އަޑު އުފުލަން މީހުން ނެރުއްވުމަކީ އޭނާ ފަސޭހައިން ކުރައްވާ ކަމެކެވެ. ސަރުކާރުން އޭނާއަށް ދުއްތުރާ ޖައްސަނީ އެހެންވެއެވެ. ނަމަވެސް އިއްޔެގެ އެއްވުމަށް މީހުން އެއްވީ އޭނާ އިސް ނަގައިގެން ކުރިން ބޭއްވި އެފަދަ އެއްވުންްތަކަށް މީހުން ހާޒިރުވި ވަރަށް ވުރެ މަދުންނެވެ.

އިއްޔެގެ އެއްވުމުގައި ރަޝިޔާ ސަރުކާރާ ދެކޮޅަށް އަޑު އުފުލި މީހުން ވަނީ ރައީސް ޕުޓިންއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން " ޕުޓިން އަކީ ވަގެއް" ކަމަށް ވެސް އެމީހުން ގޮވިއެވެ.

ރަޝިޔާ ފުލުހުން ނަވަލްނީ ހައްޔަރުކޮށްގެން ގެންދިޔައީ މޮސްކޯގެ މެދުތެރޭގައިވާ ފުލުހުންްގެ މަރުކަޒަކަށެވެ. އެތަނުގައި އެތައް ގަޑި އިރެއް ވަންދެން ބެހެއްޓުމަށް ފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ. ޣައިރުގާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލާނެކަން ނުވަތަ ނޫންކަން ރަޝިޔާ ސަރުކާރަކުން އަދި ހާމައެއް ނުކުރެއެވެ. އެ ދައުވާ އުފުލައި އޭނާއަށް ކުށް ސާބިތު ވެއްޖެ ނަމަ 30 ދުވަހަށް ޖަލަށް ލާނެއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯއާއި ދެވަނަށް އެންމެ ބޮޑު ރަށް، ސެންޓްޕީޓާސް ބާގާއި އެހެން ބައެއް ރަށްތަކުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާތަކާ ގުޅިގެން 257 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ބޮޑުވަޒީރުގެ ގޮތުގައި ނުވަތަ ރައީސްގެ ގޮތުގައި ވެސް ރަޝިޔާގެ ވެރިކަން 2000 ވަނަ އަހަރުންް ފެށިގެން ކުރައްވަމުން ގެންދަވަނީ އުމުރުފުޅުން 65 އަހަރުގެ ޕުޓިންނެވެ.