ހަބަރު

ޔޫމެޓް އޮފީހުން ވައްކަން ކުރުމަށް ފަހު އެތަނުގައި ރޯކޮށްލި މީހާ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

May 7, 2015

ޔޫމެޓް ކޮންސްޓްރަކްޝަންގެ އޮފީހުން ވައްކަން ކުރުމަށް ފަހު އެތަނުގައި ރޯކޮށްލި ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހާ 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސ. ފޭދޫ ނަލަރީތިގޭ މުހައްމަދު އައިމަންގެ މައްޗަށް އެ ހުކުމް އައީ އޮގަސްޓް، 2013 ގައި ހ. ލަންޗްމީޑް ގޭގެ ފަސް ވަނަ ފްލޯގައި ހުންނަ ޔޫމެޓް ކޮންސްޓްރަކްޝަނާއި ޔޫމެޓް ޕްރައިވެޓް ލިމިޓެޑްގެ އޮފީހަށް ވަނދެ، އެތަނުން ވައްކަން ކުރުމަށް ފަހު އެތަނުގައި ރޯކޮށްލި މައްސަލައިގަ އެވެ.

އެ މައްސަލައިގައި އައިމަންގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކޯޓުން ކުރި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން އައިމަން އެތަނުގައި ރޯކޮށްލިކަން ސާބިތުވާ ކަމަށެވެ. އެއީ އޭނާގެ މައްޗަށް އެ ބާވަތުގެ ކުށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ ކޯޓުން ކަނޑައަޅާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެކަމަށް ދެވެން އޮންނަ އެންމެ ލުއި އަދަބު ކަމަށްވާ 10 އަހަރަށް ޖަލަށްލުމެވެ.

އައިމަން އަތުލައިގެންފައިވަނީ އިތުރު މީހަކާ އެކު އެތަނުން އެ އޮފީހުން ވަގަށް ނެގި ތަކެތި ވިއްކުމުގައި ހަރަކާތްތެރި ވަނިކޮށެވެ. އެތަނުގައި ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުން 1.2 މިލިއަނަށް ވުރެ މައްޗަށް ދާނެ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.