ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭއަށް ގްލޯރިއާ ޖީންސް ކޮފީ ޝޮޕް ގެންނަނީ

އޮސްޓްރޭލިއާގައި މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީ" ވިއްކާ ތަނެއް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މި އަހަރު ހުޅުވަން ނިންމައިފި އެވެ.

ވީއައިއޭގައި މިހާރު ވަނީ ފްރެންޗައިޒީ ގިނަ ބްރޭންޑްތައް ހިމެނޭ ގޮތަށް ހިނގާނެ ހާއްސަ އިމާރާތެއް އަޅާފަ އެވެ. ފެރީތައް ކުރިން ކައިރި ކުރަމުން ދިޔަ ސަރަހައްދުގައި ހެދި އެ އިމާރާތުގެ ބޮޑު މިނުގައި ގާތްގަނޑަކަށް 14،000 އަކަފޫޓު ހުރެއެވެ. އެ އިމާރާތުގެ ސްޓީލް އޮނިގަނޑު ރާވައި މިހާރު ވަނީ ނިމިފަ އެވެ.

އެ ތަނުގައި "ކޮފީ ޝޮޕް" ހިންގަން 231 އަކަ މީޓަރުގެ ސަރަހައްދެއް ދޭނެ އެވެ. އަދި "ޑޯނަޓް" ވިއްކަން ހާއްސަ ކޮށްގެން 80 އަކަމީޓަރުގެ ސަރަހައްދެއް ހާއްސަ ކޮށްފައިވާއިރު، "ކެސުއަލް ޑައިނިން" އަށް 302 އަކަމީޓަރު އޮންނާނެ އެވެ. "ފާސްޓްފުޑް ކޮންސެޕްޓް" ރެސްޓޯރަންޓަކަށް 171 އަކަމީޓަރު ހާއްސަކޮށްފައިވެ އެވެ. މީގެ އިތުރުން ޕިއްޒާ ލިބޭ ސަރަހައްދުގެ ގޮތުގައި 99 އަކަމީޓަރުގެ ސަރަހައްދަކާއި އައިސްކްރިމީގެ މީރު ރަހަތަކަށް 14 އަކަމީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ.

އެމްއޭސީއެލް އިން ވަނީ އެތަނުގައި ފްރެންޗައިޒް ބްރޭންޑްތައް ހިންގަން އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާ ހަވާލުކޮށްފަ އެވެ. އަދި އެތަނުގައި މަޝްހޫރު ތިން ބްރޭންޑް، ކަމަށްވާ ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޯސްޓާ ކޮފީ އެންޑް ހާވެސްޓް މާކެޓްގެ ރެސްޓޯރެންޓްތައް ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ގްލޯރިއާ ޖީންސް ކޮފީގެ ތާރީހު

ވީއައިއޭގައި އަންނަ މާޗު މަހު ހުޅުވަން ތައްޔާރު ވަމުންދާ، ގްލޯރިއާ ޖީންސް ކޮފީއަކީ 1979 ވަނަ އަހަރު އުފަންވި ބްރޭންޑެކެވެ. މި ބްރޭންޑުތައް 30 އަށްވުރެ ގިނަ ގައުމުގައި ހިންގަމުންދެ އެވެ. އަދި އޮސްޓްރޭލިއާގައި އެކަނިވެސް އަހަރަކު 30 މިލިއަން ކަސްޓަމަރުންނަށް މި ކޮފީ ވިއްކަ އެވެ.