ހަބަރު

ޔޫތު މިނިސްޓްރީން ދެ ކޯޑިނޭޓަރަކު ވަކިކޮށްފި

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގައި މަސައްކަތް ކުރަމުން ދިޔަ ދެ ކޯޑިނޭޓަރުން މަގާމުން ވަކިކޮށްފި އެވެ. މަގާމުން ވަކި ކުރީ، ކުރިން މިނިސްޓްރީގެ ފަރާތުން މީޑިއާ ކޯޑިނޭޓް ކުރި ހުސައިން އަމީން އާއި މިނިސްޓަރުގެ ސެކެޓްރީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުހައްމަދު މިމްރާހް އެވެ.

އެ ދެ ކޯޑިނޭޓަރުން، ވަކި ކުރީ އިއްޔަ ހެނދުނުގެ ވަގުތެއްގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ދެ ކޯޑިނޭޓަރުން ވެސް މަގާމުން ވަކިކޮށްފައިވަނީ ވަކި ސަބަބެއް އެންގުމަކާނުލަ އެވެ.

އަމީން އާއި މިމްރާހްގެ ގާތް މީހަކު 'އަވަސް' އަށް ބުނެފައި ވަނީ، ވަކި ކުރިކަން ބަޔާންކޮށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއި ކުރައްވާ ސިޓީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ވަކި ކުރި ސަބަބެއް ސިތީގައި ބުނެފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ވަކި ކުރި ވަކި ސަބަބެއް ނުބުނެ މަގާމުން ވަކިކޮށްފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ސިޓީގައި ބަޔާންކޮށްފައިވާ ކަމަށްވެ އެވެ.

އަމީން އާއި މިމްރާހް ވަނީ މި ސަރުކާރުގައި ކުރިން ޔޫތު މިނސްޓަރުކަން ކުރެއްވި ދެ ބޭފުޅުން ކަމަށްވާ، މުހައްމަދު މަލީހް ޖަމާލް އާއި އަހްމަދު ޒުހޫރުގެ ދުވަސްވަރުގައި ވެސް މިނިސްޓްރީގައި މަސައްކަތް ކުރައްވާފަ އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން މީޑިއާއާ ކޯޑިނޭޓް ކުރައްވަން އަމީން ހުންނެވި އިރު އޭނާ ވަނީ މީޑިއާ އާ ރަނގަޅު ގުޅުމެއް ބާއްވާފަ އެވެ.

ނަމަވެސް މިކަމާ ބެހޭގޮތުން މައުލޫމާތު ސާފު ކުރުމަށް ގުޅި ނަމަވެސް އޭނާ ފޯނަށް ޖަވާބު ނުދެ އެވެ. އަމީން ވަނީ 'ޗެނަލް 13' ގައިވެސް ކުރިން މަސައްކަތް ކުރައްވާފަ އެވެ.