މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ބަންދުގައި ތިބޭ މީހުނާ ހަވާލާދީ ހަބަރު ޖަހާނަމަ ފިޔަވަޅު އަޅަނީ

ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާ ހަވާލާދީ ހަބަރު ޝާއިއު ކުރުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށާއި އެގޮތަށް ކަންތައް ކުރާ ނަމަ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަރުއީ ހުކުމްތައް ތަންފީޒު ކުރަމުންދާ މީހުންނާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާއްމު ކުރަންވާނީ އެކަމަށް އޮންނަ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަަމަށެވެ. އެނޫން ގޮތްގޮތަށް ކަންތައް ކުރާ ފަރާތްކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަން ކުރިން ވެސް ވާނީ ހަނދާންކޮށްދީފައި ކަމަށް ވެސް ބަޔާނުގައި ބުނެގައި ވެއެވެ.

ބަންދުގައި ތިބޭ މީހުންގެ ފަރާތުން މައުލޫމާތު ހޯދައި ބޭނުން ކުރުމަށް އޮންނަ ގާނޫނުތަކާއި ގަވައިދުތައް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފާހަގަކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ޖަލުތަކާ ޕެރޯލްގެ ގާނޫނު އެ ގާނޫނުގެ ދަށުން ހަދައި ގެޒެޓްކޮށްފައިވާ ގަވައިދެވެ.

"... އެފަދަ ތަކެތި އާއްމުކުރާ ފަަރާތްތަކާއި މީޑިއާތަކުން ޝާއިއު ކުރުމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ފަށައިފީމެވެ،" ބަޔާނުގައި ވެެއެވެ.

ކަރެކްޝަނަލް ސާވިސް އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ޖަލުގައި މިހާރު ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަަދު އަދީބު އަބުދުލް ޣަފޫރާ ހަވާލާދީ މީޑިއާގައި ބައެއް ހަބަރުތައް އާއްމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.