ހަބަރު

ބްރިޖް އަޅަން، ސުނާމީ ބިނާ އެހެން ތަނަކަށް ބަދަލު ކުރަނީ

May 7, 2015

މިހާރު ސުނާމީ ބިނާ ހުރި ސަރަހައްދު ބްރިޖް އަޅަން ބޭނުން ކުރަން ޖެހޭތީ އެ ބިނާ އެހެން ސަރަހައްދަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ބްރިޖް އޮންނާނީ ސުނާމީ ބިނާ ހުރި ސަރަހައްދުން ފެށިގެން އެއާޕޯޓް ރަންވޭގެ ދެކުނު ކޮޅު ސަރަހައްދަށް ކަމަށެވެ. އެހެންވެ، ސުނާމީ ބިނާ އެ ސަރަހައްދުގައި ބަހައްޓައިގެން އެ މަސައްކަތް ކުރެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޮކްޓޯބަރު މަހުގެ ތެރޭގައި ބްރިޖް އެޅުމުގެ މަސައްކަތްތައް ފެށުމުގެ ކުރިން ވީހާ ވެސް އަވަހަކަށް ސުނާމީ ބިނާ އެހެން ސަރަހައްދަކަށް ބަދަލު ކުރާނެ އެވެ.

"ނަމަވެސް އަދި ބަދަލު ކުރާނެ ވަކި ސަރަހައްދެއް ނުނިންމަން. ވަރަށް އަވަހަށް އެ ބިނާ ބަދަލު ކުރާނެ ސަރަހައްދެއް ނިންމާ ވަރަށް އަވަހަށް މަސައްކަތް ފަށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސުނާމީ ބިނާ އަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި މަރުވި މީހުންގެ ހަދާނުގައި 2005 ވަނަ އަހަރުގެ ތެރޭގައި ހެދި ބިނާ އެކެވެ.

ޗައިނާ ސަރުކާރުގެ އެހީގައި އަޅާ ހުޅުލެ-މާލެ ބްރިޖްގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ސާވޭތައް ޗައިނާ ސަރުކާރުގެ އެހީގައި އަންނަނީ ކުރަމުންނެވެ. އެގޮތުން އޮއިވަރު ބެލުމުގެ ސާވޭތައް ނިންމުމަށް ފަހު، އަންނަ އާދިއްތަ ދުވަހު ބްރިޖް އަޅާ ސަރަހައްދުގެ ކަނޑުއަޑީގެ ބިމުގެ ވަރުގަދަކަން ބެލުމަށް ތޮރުފައިގެން ސާވޭތައް ކުރަން ފަށާނެ އެވެ.