ވިޔަފާރި

ކާގޯ ޓާމިނަލާއި ފިއުލް ފާމްގެ މަސައްކަތް ފެށުން އަންނަ މަހު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ނުފެށި ހުރި، ކާގޯ ޓާމިނަލް އާއި ފިއުލް ފާމްގެ މަސައްކަތް އަންނަ މަހު ފަށަނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީއައިއޭގައި ސީޕްލޭން ޓާމިނަލްގެ މަސައްކަތް ފަށަން، އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާ ކާގޯ ޓާމިނަލްގެ މަސައްކަތް މި މަހުގެ ފަހުކޮޅު ފަށާއިރު، ވީއައިޕީ ކޮމްޕްލެކްސްގެ އިތުރުން ތެޔޮ ރައްކާކުރާ ފިއުލް ފާމްގެ މަސައްކަތް ވެސް އަންނަ މަހު ފަށާނެ ކަމަށެވެ.

ގާތްގަނޑަކަށް 120،000 ޓަނުގެ ޓަނުގެ ކާގޯ ބެހެއްޓޭ މިތަން ހަދަނީ، ހުޅުލެ އައިލެންޑް ހޮޓަލާ އިންވެގެން އޮތް ފަޅުން ބައެއް ހިއްކައިގެންނެވެ.

މައި އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މިހާރު އެންމެ ހަލުވިކޮށް ކުރިއަށް ދަނީ ރަންވޭގެ މަސައްކަތްތަކެވެ. މުޅި، މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. މި މަޝްރޫއުގެ ދަށުން މުޅިން އާ ޕެސެންޖަރު ޓާމިނަލަކާއި އާ ރަންވޭ އަދި ކާގޯ ޓާމިނަލްގެ އިތުރުން ތެޔޮ ރައްކާ ކުރާނެ ވަސީލަތްތައް ގާއިމް ކުރާނެ އެވެ. އާ ޓާމިނަލްގެ މަސައްކަތް ކުރަނީ ސައޫދީ ބިންލާދިން ގްރޫޕުން 300 މިލިއަން ޑޮލަރަށެވެ. ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގައި އަޅާ މިތަން ތަރައްގީ ކުރަނީ ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް

* 40 ޑީޕާޗާ ގޭޓް
* 38 އިމިގްރޭޝަން ކައުންޓަރު
* ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
* ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
* ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
* ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
* ފިއުލް ހައިޑްރެންޓް ސިސްޓަމް

އާ ރަންވޭގެ މަސައްކަތް ކުރަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އާ ރަންވޭ އަށް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި މީގެތެރެއިން 373 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ. އާ ރަންވޭ ވެސް މިހާރު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާނެ އެވެ. ރަންވޭގައި މި އަހަރުގެ ފަހުކޮޅު ބޯޓު ޖައްސަން ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.