ވިޔަފާރި

ހިއްސާ ވިއްކައިގެން އެމްޓީސީސީ 188 މިލިއަން ރުފިޔާ ހޯދައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްސާ ވިއްކައިގެން 188 މިލިއަން ރުފިޔާ ހޯދައިފި އެވެ.

އެމްޓީސީސީން ރައިޓް އިޝޫގެ ގޮތުގައި އެ ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާ ވިއްކަން ހުޅުވައިލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަދި ހިއްސާ ވިއްކުން ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވިއިރު 4334 ހިއްސާދާރުންނަށް ތިން މިލިއަން ހިއްސާ ވިއްކާފައިވެ އެވެ. އަދި ހިއްސާ ވިއްކައިގެން އެ ކުންފުންޏަށް 188 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުނިން ކުރިން ބުނެފައިވަނީ ހިއްސާ ވިއްކުމުގެ މަގުސަދަކީ 305 މިލިއަން ރުފިޔާ ހޯދުން ކަމަށެވެ، މިގޮތުން އެމްޓީސީސީން މުޅި ރާއްޖޭގައި ހިއްސާ ވިއްކުމުގެ ހަރަކާތް ހިންގާފައިވެ އެވެ. ހިއްސާ ވިއްކަން ހުޅުވާލަނީ އެ ކުންފުނިން ބަނދެގެން ބޭރުން ގެންނަ ޑްރެޖަރު މަހާޖައްރާފު ބަންދަން ސަރުކާރުން ދިން 11 މިލިއަން ޑޮލަރުގެ ލޯނުގެ ބަދަލުގައި ސަރުކާރަށް ކުންފުނީގެ ހިއްސާ ދިނުމަށެވެ. މިގޮތުން ހިއްސާ މޫނުމަތީ އަގު 50ރ. އިން 5ރ. އަށް ދަށްކޮށް ކޮންމެ ހިއްސާއަކަށް އިތުރު އެއް ހިއްސާ ދިނުމަށް އެ ކުންފުނިން އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާ އިން ފާސްކޮށްފައިވެ އެވެ.

އެމްޓީސީސީން މިއަދު ބުނި ގޮތުގައި ރައިޓްސް އިޝޫގެ ގޮތުގައި 4334 ހިއްސާދާރުންނަށް 3،038،097 ހިއްސާ އެކަށަ އެޅުނުކަން އުފަލާއެކު ހާމަކުރާ ކަމަށެވެ. އަދި މި ހިއްސާގެ އަގަކީ 188،263،014 ރ. ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދި ކުންފުންޏެކެވެ. ކުންފުނި އުފެއްދިއިރު، 250،000 ހިއްސާ ހިމެނެ އެވެ. އެ ކުންފުނިން 2013 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ދީފައިވަނީ 16ރ. އެވެ. ނަމަވެސް މިދިޔަ އަހަރު 24ރ. ދީފައިވެ އެވެ.