ހަބަރު

އިމްރާނާއި އަލީ ވަހީދު ހުށަހެޅުއްވި އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި

May 7, 2015

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ބަންދު މުއްދަތު އިތުރުކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެ މުޒާހަރާ ހަމަނުޖެހުން ހިނގާފައިވާތީ އެ މުޒާހަރާ އިންތިޒާމްކުރި ފަރާތްތަކުގެ ގޮތުން އަލީ ވަހީދާއި އިމްރާން ހައްޔަރު ކުރުމުން އެ ދެ ބޭފުޅުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވަނީ މިއަދެވެ.

އިމްރާނާއި އަލީ ވަހީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމްގެ ބަންދު މުއްދަތު އިތުރުކުރި މައްސަލަ ވެސް އިސްތިއުނާފަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އެ ތިން ބޭފުޅުންގެ އިތުރުން 170 އަށް ވުރެ މީހަކު އެ މުޒާހަރާއިން ހައްޔަރުކޮށް، އެ އެންމެންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.