ހަބަރު

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ އެންމެން ބައިވެރިވާ މިނިވަން އިންސާފުވެރިން އިންތިހާބަކަށް ހެދުމަށާއި އިިންތިހާބުގެ ކުރީގެ މަރުހަލާ ތަކުގައި ވެސް އެގޮތަށް ކަންތައްތައް ގެންދަން ތައްޔާރަށް އޮތް ކަން ދެއްކުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ގޮވާލައިފިއެވެ.

ރާއްޖެއަށާއި ސްރީލަންކާއަށް ހާއްސަކޮށް ސްރީލަންކާގައި ގާއިމްވެފައިވާ އީޔޫ މިޝަަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބާއި އިންތިހާބުގެ ކުރީގެ މަރުހަލާގައި ވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ޖާގަދޭން ގޮވާލާ ކަމަށެވެ.

"ދިވެހިންގެ މަސްލަހަތަށް ޓަކައި ގާނޫނު އަަސާސީން ކަށަވަރުކޮށްދީފައިވާ އުސޫލުތައް އިއާދަކޮށް ދަމަހައްޓަން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ރާއްޖޭގެ ކަމާ ބެހޭ މުއައްސަސާތަކަށް އަހަރެމެން ގޮވާލަމެވެ،" އީޔޫގެ ބަޔާނުގައި ވެއެވެ.

އީޔޫގެ ބަޔާނަކީ ލަންކާގައިވާ އިނގިރޭސިވިލާތުގެ ހައިކޮމިޝަނާއި ފްރާންސް، ޖަރުމަނު، އިޓަލީ، ނެދަލޭންޑްސް އަދި ރޯމޭނިއާގެ އެމްބަަސީއާ ވެސް ގުޅިގެން ނެރުނު ބަޔާނެކެވެ.

އީޔޫގެ ބަޔާނުގައި މިމޭރުމުން ވާހަކަ ދައްކާފައި ވަނީ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު އަނެއްކާވެސް ހައްޔަރުކޮށްފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމަށް ފަހުގައެވެ.

ފާރިސް ދެވަނަ ފަހަރަށް ހައްޔަރު ކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތަށް އޭނާ ހައްޔަރުކޮށް، ހަމަސް ދުވަސް ވަންދެން ބެހެއްޓުމަށް ފަހު ދޫކޮށްލިތާ ދެދުވަސް ފަހުންނެވެ. ފާރިސް ކުރިން މިނިވަން ކުރީ ޝަރުތުތަކަކާ އެކު އޭނާ މިނިވަން ކުރަން ކްރިިމިނަލް ކޯޓުން ނިންމުންނެވެ. ނަމަވެސް ދެވަނަފަހަރަށް އޭނާ ހައްޔަރު ކުރަން އަލުން އެކޯޓުުން އަމުރު ނެރުނީ އައްޔަން ކުރިތާ ހަފުތާއެއް ނުވާ ފަނޑިޔާރެކެވެ.

އީޔޫގެ ބަޔާނުގައި ބުނެފައި ވަނީ ފާރިސް ހައްޔަރު ކުރުމުގެ ކަންތައްް ދިޔަގޮތުން ދޭހަވަނީ ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލު ހަލާކުވުމަކީ ރާއްޖޭގައި ގާނޫނީ ހުކޫމަތު ހިންގުމަށް ކިހާ ބޮޑަކަށް ހުރަސް އެޅޭ ކަމެއް ކަން ކަމަށެވެ.