ހަބަރު

ދޮޅު އަހަރު ފަހުން ޔޫރިން ތަހުލީލުކުރާނެ ދެވަނަ ފަރާތެއް ލިބިއްޖެ

May 7, 2015

ކުޑަކުދާތަކެތި ތަހުލީލު ކުރާނެ ދެވަނަ ފަރާތެއް ނެތިގެން އެ ތަކެތި ތަހުލީލު ކުރުން މެދުކަނޑާލިތާ ދޮޅު އަހަރު ވާން ގާތްވެފައި ވަނިކޮށް އެ ތަކެތި ަތަހުލީލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ އާ ގާނޫނު 2011 ގައި އައިއިރު އެ ގާނޫނުގައި އޮންނަ ގޮތުން ކުޑަކަމުދާތަކެތީގެ ސާމްޕަލް ދެ ފަރާތުން ތަހުލީލު ކުރަންޖެހޭނެ އެވެ. އެގޮތުން ފުލުހުންނާއި ނޭޝަނަލް ޑްރަގް އޭޖެންސީ(އެންޑީއޭ) އިން ކަނޑައަޅާ ފަރާތަކުން ވެސް ކުޑަކަމުދާތަކެތި ތަހުލީލުކުރަން އެ ގާނޫނު ލާޒިމް ކުރެއެވެ. ގާނޫނުގައި ބުނާ މުއްދަތު 2013 ގައި ހަމަވިއިރު ވެސް ޔޫރިން ތަހުލީލު ކުރާނެ ދެވަނަ ފަރާތެއް ކަނޑައެޅިފައި ނުވާތީ ޔޫރިން ނުދިނުމުގެ މައްސަލަތަކާއި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާ މައްސަލަތައް ވެސް ކޯޓަށް ފޮނުވުން އޭރު ވަނީ ހުއްޓާލައިފަ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝިފާން ވިދާޅުވީ ޔޫރިން ތަހުލީލު ކުރުމުގެ މަސައްކަތް އެންޑީއޭގެ ފަރާތުން އަމިއްލަ ފަރާތަކާ މިހާރު ހަވާލުކޮށްފައިވާތީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުޑަކަމުދާތަކެތި ނުދިނުމާއި އެ ތަކެއްޗަށް ޕޮޒިޓިވްވާ މީހުންގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ކޯޓަށް ފޮނުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކު ގިނަ އަދަދެއްގެ ތަކެއްޗާ އެކު މީހަކު އަތުލައިގަތީ ފަސޭހަ ކަމެއް ނޫން، އެހެންވީމަ މިގޮތަށް މިކަން ހަމަޖެހުމަކީ ގާނޫނު ތަންފީޒު ކުރަން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް." ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވި ގޮތުގައި އެގޮތަށް ހަމަޖެހިގެން ދިއުމާ އެކު މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކުގައި ދެން ދައުވާކުރާނީ ކުޑަކަމުދާތަކެތި ސާމްޕަލް ނެގުމަށް ފަހު ފުލުހުން ކުރާ ތަހުލީލާއި އެންޑީއޭއިން ކަނޑައަޅާފައިވާ ފަރާތުން ކުރާ ތަހުލީލަށް ބެލުމަށް ފަހު އެވެ.