އާޒިމާ ޝަކޫރު

އަޒުލުގެ މައްސަލަ ސުޕްރީމް ކޯޓަށް ނުލެވޭނެ ސަބަބު އާޒިމާ ކިޔައިދީފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަގާމުން އަޒުލް ކުރުމަށް ސުޕްރީމް ކޯޓަށް އިދިކޮޅު ފަރާތްތަކުން މައްސަލަ ހުށަހެޅުއްވި ނަމަވެސް އެއީ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވި އެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ އެމްޑީ މުހައްމަދު އިކްރާމް ހުށަހަޅުއްވައިދޭ "ދެން ކޮން ސުވާލެއް" ޕްރޮގްރާމްގައި މިރޭ އާޒިމާ ވަނީ އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފަ އެވެ. މައްސަލަ ހުށަހެޅުއްވުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް އިޝާރަތް ކުރައްވަމުން އާޒިމާ ވިދާޅުވީ، އެ ޓްވީޓްގައިވާ ގޮތުންނަމަ އެއީ އެއްގޮތަކަށް ވެސް ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، "ސުޕްރީމް ކޯޓަށް ހުށަހެޅީ ރައީސް ޔާމީން ކޮރަޕްޝަނާއި ވައްކަމުގެ މައްސަލައެއް ކަމަށާއި އެދެފައިވާނީ ރައީސް ޔާމީން މަގާމުން ދު ރުކުރުމަށް،" ކަމަށެވެ. ދުސްތޫރީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ އާޒިމާ ވިދާޅުވީ، މައްސަލައެއް ކޯޓަކަށް ހުށަހަޅާއިރު އެ މައްސަލައަކީ ތިމާއަށް ހުށަހެޅުމުގެ ބާރު އޮތް މައްސަލައެއްތޯ ނުވަތަ ހުށަހަޅާ ކޯޓަކީ އެ މައްސަލައެއް ބެލުމުގެ އިހުތިސޯސް އޮތް ކޯޓެއްތޯ ވެސް ބަލަންޖެހޭނެ ކަމަށެވެ.

ޖިނާއީ މައްސަލަތަކީ އަމިއްލަ ފަރުދުންނަށް ދައުވާ ކުރެވޭ މައްސަލަތަކެއް ނޫން ކަމަށާއި އެކަމަށް ހާއްސަ ކޮށްފައިވަނީ ޕްރޮސިކިއުޓާ ޖަނަރަލް ކަމަށް އާޒިމާ ވިދާޅުވި އެވެ. ވައްކަމާއި ކޮރަޕްޝަނުގެ ކުށަކީ ޖިނާއީ ކުށް ކަމަށާއި އެހެންވެ އެ މައްސަލަ އަމިއްލަ ފަރުދަކަށް ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ގޮތެއް ނެތް ކަމަށެވެ.

އަނެއް ކޮޅުން ރައީސް މަގާމުން ދުރުކުރުމުގެ މައްސަލައަކީ މި މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫންކަން ވެސް އާޒިމާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ރައީސްއެއް މަގާމުން ދުރުކުރެވޭނެ ގޮތް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާން ކޮށްފައިވާކަން ފާހަގަ ކުރައްވަމުން އާޒިމާ ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ ރައީސްއެއް މަގާމުން ދުރު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަންދޫބުން ތިއްބަވާ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

ސުޕްރީމް ކޯޓަށް އެކަމުގައި ދައުރެއް އޮންނާނީ އެ މަރުހަލާ ނިމުމުން އޭގެ ފަހުން ކަމަށެވެ. އާޒިމާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ރައީސްއެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސް ކުރުމުން އެކަން ކޮށްފައިވަނީ ސައްހަކޮށްތޯ ބެލުމަކީ ސުޕްރީމް ކޯޓަށް އޮތް ބާރެއް ކަމަށެވެ. ނަމަވެސް މަޖިލީހުން ގޮތެއް ނުނިންމާ ހިނދު، އެކަމުގައި ސުޕްރީމް ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ، ގާނޫނު އަސާސީގައި އޮތް ގޮތާ ހިލާފަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގައި އިސްކޮށް އުޅުއްވަނީ ގާނޫނު އަސާސީގައި އޮތް އެއްޗެއް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން ކަމަށާއި، އެ ބޭފުޅުން އެފަދަ ކަންކަން ކުރެއްވުމަކީ ގަބޫލު ކުރަން އުނދަގޫ ކަމެއް ކަމަށެވެ. އެ ބޭފުޅުން ބޭނުން ވަނީ ގައުމު ހަމަނުޖެހުން ގަނޑެއްގެ ތެރޭގައި ބޭއްވުމަށް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

"މިއީ ކަނޑައެޅިގެން ނުތަނަވަސްކަމެއް އުފައްދަން، މި ކަމުގެ ވާހަކަ އެންމެން ދައްކާ ވަކި ކުރެވޭނެއޭ ވަކި ނުކުރެވޭނެއޭ މި ބަހުސްގެ ތެރެއަށް މުޅި ގައުމު ވައްޓާލަން ކުރާ ކަމެއް، ބައެއް ބޭފުޅުންނަށް ހިތްޕުޅު ހަމަޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ ހަމަނުޖެހުމެއްގެ ތެރޭގައި އަބަދުވެސް އެންމެން އުޅުނީމަ، ނޭވާ ނުލާ ކޮށި އަރައިގެން އުޅޭ ގޮތަށް އުޅުނީމަ ބައެއް ބޭފުޅުންނަށް ހަމަޖެހުން ލިބޭ، ތިމަންނަމެންނަކީ ރައްޔިތުންނަށް ހެޔޮ އެދޭ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާ ކަމަށް ވާހަކަ ދައްކަވާ ބޭފުޅުން މިގޮތަށް ކަންތައްތައް ކުރީމަ އެއީ ސިޔާސީ ގޮތުން މޮޅު ކަމެކޭ ވެސް އަޅުގަނޑަށް ދަތި ގަބޫލުކުރަން،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ، ރައީސަކު މަގާމުން ވަކިކުރުމަކީ ހިތު ހުރިހާ ގޮތަކަށް ކުރެވޭ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެކަން ހިތު ހުރިހާ ގޮތަކަށް ކުރާނަމަ އުފެދޭނީ ހަމަނުޖެހުން ކަމަށެވެ. އާޒިމާ ވަނީ އެހެން ގައުމުތަކުގައި ސުޕްރީމް ކޯޓުން އެ ގައުމުގެ ވެރިން އަޒުލުކުރި ބައެއް ހާދިސާތަކާ މިހާރު ރާއްޖޭގަ އޮތް ހާލަތާ ވެސް އަޅާ ކިޔުއްވާފަ އެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ޑިސްކޮލިފައި ކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކުރި ހުކުމަށެވެ. އާޒިމާ ވިދާޅުވީ އެއީ މުޅިން ތަފާތު ހާލަތެއް ކަމަށާއި އެ ގައުމުގަ އޮތީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ވެސް ނަވާޒު ޝަރީފަކީ މަޖިލީހުގެ މެންބަރަކަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. ރާއްޖޭގެ ހާލަތާ އެ ހާލަތު އެއްވެސް ވަރަކަށް އަޅާ ނުކިޔޭނެ ކަމަށެވެ.

"އަޅުގަނޑަށް ދެންނެވޭނީ [މީހުންގެ] ލޮލުގައި އަނދުން އަޅުވައިގެން ގެންގުޅެނީއޭ، ނުތަނަވަސްކަން އަބަދު އުފެއްދީމަ މިވަނީ ނެގެޓިވްއަކަށް، ބޭނުން ކަމެއް ހާސިލު ނުވަންޏާ އަބަދު ގައުމު ނުތަނަވަސް ކުރުން ބަލައެއް ނުގަނެވޭ،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން ގައުމުގެ ހަމަނުޖެހުން ގެއްލި، އޭގެ ހުރިހާ ގެއްލުމެއް ވަނީ ސީދާ ރައްޔިތުންނަށް ކަމަށެވެ. ހުރަސް އެޅިގެން ދަނީ ރައްޔިތުންގެ ތަރައްގީއަށް ކަމަށެވެ. ރައްޔިތުންގެ ހިތްހަމަޖެހުމާއި އަމާންކަމަށް ކަމަށެވެ.

"މީގެ ކޯސްޓަކީ [ބަދަލަކީ] އަޅުގަނޑުމެންނަށް ހަމަނުޖެހުން ނުލިބުން، ކޯސްޓަކީ އަޅުގަނޑުމެން ކިޔަވައިގެން ތިބި މީހުން އަބަދުމެ މިކަމުގަ އުޅެން ޖެހުން، ކޯސްޓަކީ އަޅުގަނޑުމެންގެ ފުލުހުން ކުށް ކުރުން މަދުކޮށް ރައްޔިތުންގެ ހިމާޔަތުގައި އުޅުމުގެ ބަދަލުގައި ސިޔާސީ މުޒާހަރާތައް ބަލަހައްޓަން އުޅެން ޖެހުން، ކޯސްޓަކީ ސިފައިން އަބަދުމެ އެލާޓްގައި ތިބެން ޖެހުން، ކޯސްޓަކީ އަޅުގަނޑުމެން ގައުމަށް އަންނަ އިންވެސްޓްމެންޓްތައް މަދުވުން، ކީ ދާނެ ކިތަންމެ ބައިވަރެއް ވެސް،" އާޒިމާ ވިދާޅުވި އެވެ.