ދުނިޔެ

ހަމާސްގެ ލީޑަރަކީ ޓެރަރިސްޓެއް ކަަމަށް އެމެރިކާއިން ކަނޑައަޅައިފި

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާއަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅައި އޭނާއާ ދެކޮޅަށް ދަތިކުރުމުބެ ފިޔަވަޅުތައް އަޅައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންްޓުން ބުނީ ހަނިއްޔާއަކީ ހަމާސްގެ އަސްކަރީ ގޮފި ( އިއްޒުއްދީނުލް ގައްސާމް ބްރިގޭޑް) އާ ގުޅުން އޮންނަ މީހެއް ކަމަށާއި އޭނާއަކީ ހަތިޔާރު އުފުލުމަށް ގޮވާލާ މީހެއް ކަމަށެވެ. އެގޮތުން އާއްމުންނާ ދެކޮޅަށް ހަތިޔާރު އުފުލުމަށް ވެސް އޭނާ ގޮވާލާ ކަމަށް ވެސް ބުންޏެވެ.

ހަނިއްޔާއަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައެޅުމުގެ މާކުރިން ވެސް ހަމާސް އަކީ ޓެރަިރސްޓް ޖަމާއަތެއް ކަަމަށް އެމެރިކާއައި އިނގިރޭސިވިލާތް ، އިޒްރޭލު އަދި އީޔޫއިން ވަނީ ކަނޑައަޅާފައެވެ. ހަމާސް އިން ބުނީ ހަނިއްޔާއަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައެޅި ކަނޑައެޅުމަކީ އަގެއް ހުރި ކަމެއް ނޫން ކަމަށެވެ. އެމެެރިކާގެ ނިންމުމާ ބެހޭ ގޮތުން ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅަށް އެޖަމާއަތުން ކުރާ މަސައްކަތަށް އެ ނިންމުމުގެ ސަބަބުން ހުރަހެއް ނޭޅޭނެ ކަމަށެވެ.