ހަބަރު

ޔުމްނާގެ ފިރިކަލުން ނަދީމް ދޫކޮށްލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މ. އެންދެރިމާގޭގެ ކުރިމަތީގައި ހުންނަވަނިކޮށް ކޯޓް އަމުރަކާއެކުގަ އެވެ.

ޔުމްނާ އާއި ނަދީމަކީ ވެސް އިދިކޮޅު ހަރަކާތްތަކުގެ ތެރޭގައި ބައިވެރިވެ ވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. މިރޭ ނަދީމް ހައްޔަރު ކޮށްފައިވާ އިރު ރައީސް މައުމޫނާ ގުޅުން ހުރި ބައެއް އެހެން ފަރާތްތައް ވެސް ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ.

ނަދީމް ހައްޔަރުކުރީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާއެކު މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގަ އެވެ.

ނަމަވެސް އޭނާ ހައްޔަރުކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު އެ ކޯޓުގެ އިސް ގާޒީ އާދަމް އާރިފް ވަނީ ބާތިލު ކުރައްވާފަ އެވެ. އެ ކޯޓުން އަމުރު ބާތިލުކުރީ "އެ ބޭފުޅުން ހައްޔަރުކުރުމުގެ ޝަރުއީ އަދި ގާނޫނީ ޟަރޫރަތެއް މިވަގުތު އޮތް ކަމަށް ނުފެންނާތި" ކަމަށް ވިދާޅުވެ އެވެ.

ކުރިމިނަލް ކޯޓުން އެ އަމުރުތައް ބާތިލުކުރީ ސުޕްރީމް ކޯޓުން ހުރިހާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް އަމުރު ނެރެފައިވަނިކޮށެވެ.