ހަބަރު

ޕާކިސްތާނުން ރާއްޖެއަށް 3.2 މިލިއަން ޑޮލަރު އެހީ ދޭން ނިންމައިފި

ރައީސް އަބްދުﷲ ޔާމީން ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުން ރާއްޖެއަށް 3.2 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ރައީސްގެ ދެކަނބަލުންގެ ރަސްމީ ދަތުރުފުޅު މިރޭ މާލެ ވަޑައިގަތުމަށް ފަހު އެ ދަތުރުފުޅާ ބެހޭ ގޮތުން، ރައީސްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ ޕާކިސްތާނުގެ ހިލޭ އެހީގައި ހަދާފައިވާ މަޖިލިސް ކުރާގެ މަރާމާތުކޮށް އާބާތުރަ ފިލުވުމަށް އެ ގައުމުން ދެ މިލިއަން ޑޮލަރު ދޭން އެއްބަސްވި ކަމަށެވެ. އަދި އެއީ ނިސްބަތުން ވަރަށް ބޮޑު އަދި މިވަގުތަށް ވަރަށް މުހިންމު ވެފައިވާ އެހީއެއް ކަމަށް ވެސް މަސީހު ވިދާޅުވި އެވެ. އެ އެހީގެ ދަށުން މަޖިލީހުގެ އިދާރާގެ މަރާމާތުގެ މަސައްކަތްތައް ވަރަށް ބާރަށް ފަށައިގަނެވޭނެ ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.

ރާއްޖެއަށް އިތުރަށް ދިން އެހީތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝަރީފު (މުންދު) ވިދާޅުވީ، އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުޅުވި، ވޯޓާ ކްރައިސިސްފަންޑަށް 1.2 މިލިއަން ޑޮލަރު ހަދިޔާރު ކުރުމަށް، ނިންމި ކަމަށެވެ. އަދި މިއީ އެއް ގައުމަކުން އެހާ ބޮޑު ދީލަތި އެހީއެއް އެ ފަންޑަށް ދިން ފުރަތަމަ ފަހަރު ކަމަށް ވެސް މުންދު ވިދާޅުވި އެވެ. އަދި އެ އެހީ އާއި އެހެން ވެސް އެހީތަކުން އެނގިގެން ދަނީ ރައީސްގެ ދަތުރުފުޅުގެ ކާމިޔާބުކަން ކަމަށް ވެސް މޮންދު ވިދާޅުވި އެވެ.

"ރައީސްގެ މިދަތުރަކީ ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ބަދަހިވެ އާރޯކަން ލިބިގެން އައި ދަތުރެއް،" މުންދު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅުގައި ތިން ދާއިރާއަކުން ގުޅުން ބަދަހި ކުރުމުގެ އެމްއޯޔޫތަކެއްގައި ވަނީ ސޮއިކޮޑްފަ އެވެ. އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ އެމްއޯޔޫ އާއި ސިއްހީ، ތައުލީމީ އަދި ކުޅިވަރުގެ ދާއިރާ އިން އެއްބާރުލުން ދިނުމާ ބެހޭ ތިން އެމްއޯޔޫއެކެވެ.

ޕާކިސްތާނުން ރާއްޖެއަށް އަންނަނީ އަސްކަރީ ދާއިރާ އިންނާއި ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ވަރަށް ބޮޑަށް ފަހިކޮށްދެމުންނެވެ. އަދި އެ އެހީތައް އެގޮތުގައި ދަމަހައްޓަވާނެކަމުގެ ޔަގީންކަން އެ ގައުމުގެ ބޮޑު ވަޒީރު މި ދަތުރުފުޅުގައި ވަނީ ދެއްވައިފަ އެވެ.