ހަބަރު

ޕާކިސްތާނުގެ 11 ގައިދީއަކު އެ ގައުމަށް ފޮނުވާލަނީ

ރާއްޖޭގެ ޖަލުތަކުގައި ތިބި ޕާކިސްތާނުގެ 11 ކުށްވެރިއަކު އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ދެ ދުވަހުގެ ދެ ދަތުރުފުޅަށް ފަހު މިރޭ މާލެ ވަޑައިގަތް ދަތުރުގެ މައުލޫމާތު ހިއްސާ ކުރައްވަމުން، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝަރީފު މުންދު ވިދާޅުވީ، އެކަމާ ގުޅޭ އެއްބަސްވުމުގައި މި ދަތުރުގައި ސޮއި ނުކުރެވުނު ނަމަވެސް ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ރަމްޒެއްގެ ގޮތުން އެ ކުށްވެރިން އަނބުރާ ގައުމަށް ފޮނުވާލުމަށް އެއްބަސްވި ކަމަށެވެ. އަދި ކުށްވެރިން ބަދަލު ކުރުމާ ގުޅޭ ގާނޫނީ އޮނިގަނޑު ނިމުނުހާ އަވަހަކަށް، ރާއްޖޭގެ ޖަލުތަކުގައި ތިބި ޕާކިސްތާނުގެ އެ ރައްޔިތުން އެނބުރާ ގައުމަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދޭދޭ ގައުމުތަކުގެ މެދުގައި ކުށްވެރިން ބަދަލު ކުރުމުގެ ގާނޫނީ އޮނިގަނޑު މަޖިލީހުން ނިމުނުހާ އަވަހަކަށް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށް އޮންނަ އުސޫލުގެ ތެރެއިން އެ މީހުން އެ ގައުމުގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރާ ގޮތަށް ފޮނުވާލެވޭނެ،" މުންދު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅުގައި ޕާކިސްތާނުން ރާއްޖެއަށް ދީލަތި އެހީތަކެއް ދިން އިރު، އިތުރު ދާއިރާތަކަކުން ވަނީ ގުޅުން ބަދަހި ކުރުމަށް އެއްބަސްވެފަ އެވެ. އެދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އިތުރުން، އެ ގައުމުގެ ރައީސްއާ އެކުވެސް ބައްދަލު ކުރައްވައި ކަންކަމުގައި މަޝްވަރާ ކުރެއްވި އެވެ. އަދި މިނިވަން 50 ގެ ހަރަކާތަކުގައި ބައިވެރިވުމަށް ރާއްޖެ އައުމަށް ނަވާޒް ޝަރީފަށް ރައީސް ދައުވަތު ދެއްވި އެވެ.