1 ފެބުރުއަރީގެ އަމުރު

ލަސްކުރުމަކީ އިންކާރު ކުރުން، ފިޔަވަޅު އެޅޭނެ: ޖަމީލު

ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށާއި އެ ނިންމުން ތަންފީޒުކުރުން ލަސްކުރުމަކީ އެކަމަށް އިންކާރުކުރުން ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވީ، ހުރިހާ ސިޔާސީ ބޭފުޅުން ޖަލުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިރޭ އެންގި އެންގުމަށް އަދިވެސް އަމަލުކޮށްފައިނުވާތީ އެވެ.

ޖަމީލު ވިދާޅުވީ، "ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން، ކޯޓުތަކުގެ ގާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ ފަރާތްތައް ކޯޓުގެ އަމުރަށް ތަބާވުން ލާޒިމް، އަމުރު ތަންފީޒުކުރުން ލަސްވުމަކީ އިންކާރު ކުރުން،" ކަމަށެވެ.

އިންކާރު ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

އީސުލް ޖުމްހޫރިއްޔާގެ ބައިނަލް އަގުވާމީ ތަރުޖަމާނު އިބުރާހީމް ހުސައިން ޝިހާބު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ބަޔާނެއްގައި ބުނެފައި ވަނީ އެ އަމުރު ނެރެފައި ވަނީ ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.

" ... އެހެންވީމާ އެ އަމުރަށް އަމަލުކުރުމަށް ޓަކައި ގާނޫނީ ހުކޫމަތާއި އުސޫލާ އެއްގޮތަށް ސުޕްރީމްކޯޓާ ވާހަކަ ދައްކައި ލަފާ ހޯދަން ސަރުކާރުން މަސައްކަތް ކުރާނެއެވެ،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ތަރުޖަމާނު ތަކުރާރުކުރައްވާފައި ވަނީ ސުޕްރީމްކޯޓުގެ އަމުރާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިރޭ ދެއްކެވި ވާހަކަފުޅެވެ.

ސަރުކާރުގެ ފަރާތުން ބަނޑޭރި ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރައީސް ޔާމީން މިރޭ އަރީފްއާ ގުޅުއްވުމަށް އެކި ފަހަރުގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަރީފްގެ މިހާތަނަށް ވެސް އަރީފްގެ ފޯނަށް ގުޅޭ ގޮތް ނުވުމުން، ގާނޫނުން ރައިސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސީޕީގެ މަގާމުން އަރީފް ވަކި ކުރަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

އަނިލް އިތުރަށް ވިދާޅުވީ ރައީސްގެ އެ ނިންމުމާ ގުޅިގެން ދެން ފުލުހުންގެ އިދާރާއާ އިސްކޮށް ހަވާލުވާނީ ޑެޕިއުޓީ ކޮމިޝަނަރު ކަން އަދާކުރަމުން އަންނަ ސައުދީ ކަމަށެވެ.

ސީޕީ މަގާމުން ވަކިކޮށްފައިވަނީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ސީޕީ އަމުރު ތަންފީޒުކުރަން ފެށި ފަހުންނެވެ. ފުލުހުން އެގޮތަށް ޓްވީޓް ކުރުމަށްފަހު މިހާރު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާ މިހާރު ހިންގުމާ ހަވާލުވެ ހުންނެވީ ސައުދީ ކަމަށެވެ.