1 ފެބުރުއަރީގެ އަމުރު

މިތިބީ ސާބިތުކަމާއެކު، ހައްގަށް ނަސްރު ލިބޭނެ: މިނިސްޓަރުން

ސުޕްރީމް ކޯޓުން ސަރުކާރަށް ބޮޑެތި އެންގުންތަކެއް އަންގައި އަމުރެއް ނެރެފައިވާނިކޮށް ސަރުކާރުގެ މިނިސްޓަރުން، "ރައީސް އަބްދުﷲ ޔާމީންއާއެކު ސާބިތުވެ ހުންނެވި" ކަމަށް ވިދާޅުވެ ޓްވީޓްކުރައްވަން ފައްޓަވައިފި އެވެ.

އެގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، "އިސްލާމް ދީނާއި ގައުމުގެ ހައްގުގައި ރައީސް ޔާމީން ކުރައްވަމުން ގެންދަބާ އިހްލާސްތެރި ހިތްވަރުގަދަ މަސައްކަތެއް، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ކާމިޔާބު ވާނެ، ހައްގަށް ނަސްރު ލިބިގެންދާނެ،" ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ޓްވީޓް ކުރެއްވި އެވެ. "ﷲގެ ހެޔޮ ރަހުމަތާއެކު ރައީސް ޔާމީންއާއެކު ސާބިތުވެ އެބަ ހުރިން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރުންގެ އިތުރުން ބައެއް މަޖިލިސް މެންބަރުން ވެސް ވަނީ ރައީސް ޔާމީންއާއެކު ސާބިތުވެ ތިއްބެވިކަން ހާމަކުރައްވާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އެގޮތަށް ޓްވީޓް ކުރެއްވީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. އެއަށްފަހު ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވެސް ވަނީ އެ މޭރަމުން ޓްވީޓް ކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުން މިރޭ ކުއްލި ގޮތަކަށް ނެރުނު އަމުރުގައި އިތުރަށް ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރުފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ބައިނަލް އަގުވާމީ ތަރުޖަމާނު އިބުރާހީމް ހުސައިން ޝިހާބު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ބަޔާނެއްގައި ބުނެފައި ވަނީ އެ އަމުރު ނެރެފައި ވަނީ ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.

" ... އެހެންވީމާ އެ އަމުރަށް އަމަލުކުރުމަށް ޓަކައި ގާނޫނީ ހުކޫމަތާއި އުސޫލާ އެއްގޮތަށް ސުޕްރީމްކޯޓާ ވާހަކަ ދައްކައި ލަފާ ހޯދަން ސަރުކާރުން މަސައްކަތް ކުރާނެއެވެ،" ބަޔާނުގައި ވެއެވެ.

ސަރުކާރުގެ ފަރާތުން ބަނޑޭރި ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރައީސް ޔާމީން މިރޭ އަރީފްއާ ގުޅުއްވުމަށް އެކި ފަހަރުގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަރީފްގެ މިހާތަނަށް ވެސް އަރީފްގެ ފޯނަށް ގުޅޭ ގޮތް ނުވުމުން، ގާނޫނުން ރައިސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސީޕީގެ މަގާމުން އަރީފް ވަކި ކުރަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

އަނިލް އިތުރަށް ވިދާޅުވީ ރައީސްގެ އެ ނިންމުމާ ގުޅިގެން ދެން ފުލުހުންގެ އިދާރާއާ އިސްކޮށް ހަވާލުވާނީ ޑެޕިއުޓީ ކޮމިޝަނަރު ކަން އަދާކުރަމުން އަންނަ ސައުދީ ކަމަށެވެ.

ސީޕީ މަގާމުން ވަކިކޮށްފައިވަނީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ސީޕީ އަމުރު ތަންފީޒުކުރަން ފެށި ފަހުންނެވެ. ފުލުހުން އެގޮތަށް ޓްވީޓް ކުރުމަށްފަހު މިހާރު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާ މިހާރު ހިންގުމާ ހަވާލުވެ ހުންނެވީ ސައުދީ ކަމަށެވެ.