1 ފެބުރުއަރީގެ އަމުރު

އޭޖީއަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ބުނެ ބަންޑާރަ ނައިބު މުހައްމަދު އަނިލްއަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. މައްސަލަ ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓިންނެވެ.

ސުޕްރީމް ކޯޓުން މިރޭ އެންގީ ސިޔާސީ ބޭފުޅުން ޖަލުން ވަގުތުން މިނިވަންކުރުމަށެވެ. ނަމަވެސް ބަންޑާރަ ނައިބު މުހައްމަދު އަނިލް އެ އަމުރު ސިފަ ކުރެއްވީ، "ސުޕްރީމް ކޯޓުން ނެރުނު ކަމަށް ބެލެވޭ އަމުރެއްގެ" ކަމަށެވެ. އެ އަމުރުގެ ސައްހަކަން ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގެ ސައްހަކަމާމެދު ސަރުކާރަށް ސުވާލުތަކެއް ހުރުމުން އެކަން ސާފުކުރުމަށް ސުޕްރީމް ކޯޓާ ވާހަކަ ދައްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން އަދި ކާމިޔާބު ނުވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން އަންނަ ގާނޫނީ ނުކުތާތައް ސާފު ކުރުމަށް އެ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"އެހެންކަމުން އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާނަން، އެކަމަށްޓަކައި ސުޕްރީމް ކޯޓާއެކީގައި މަސައްކަތް ކުރެވޭތޯ ނޫނީ އެކަންކަން ސާފު ކުރެވޭތޯ ބަލަމުން،" އަނިލް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ކޯޓުން ވަކި ކަމެއް ކުރަން އަމުރު ކޮށްފައިވަނިކޮށް، އެކަން ދިރާސާކުރުމަށްފަހު ނޫނީ ތަންފީޒު ނުކުރާނެ ކަމަށް ވިދާޅުވެ، އަމުރު ތަންފީޒުކުރުން ލަސްކޮށް، ކޯޓު އަމުރު ތަންފީޒުކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އެހެންވެ އޭޖީގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ އެދިފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ބައިނަލް އަގުވާމީ ތަރުޖަމާނު އިބުރާހީމް ހުސައިން ޝިހާބު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ބަޔާނެއްގައި ބުނެފައި ވަނީ އެ އަމުރު ނެރެފައި ވަނީ ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.

" ... އެހެންވީމާ އެ އަމުރަށް އަމަލުކުރުމަށް ޓަކައި ގާނޫނީ ހުކޫމަތާއި އުސޫލާ އެއްގޮތަށް ސުޕްރީމްކޯޓާ ވާހަކަ ދައްކައި ލަފާ ހޯދަން ސަރުކާރުން މަސައްކަތް ކުރާނެއެވެ،" ބަޔާނުގައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީން ގުޅުއްވުމުން ފޯނު ނުނެންގެވި ކަމަށް ވިދާޅުވެ ސީޕީ އަހުމަދު އަރީފް ވަނީ މަގާމުން ވެސް ވަކިކޮށްފަ އެވެ. ސީޕީ މަގާމުން ވަކިކޮށްފައިވަނީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ސީޕީ އަމުރު ތަންފީޒުކުރަން ފެށި ފަހުންނެވެ. ފުލުހުން އެގޮތަށް ޓްވީޓް ކުރުމަށްފަހު މިހާރު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާ މިހާރު ހިންގުމާ ހަވާލުވެ ހުންނެވީ ސައުދީ ކަމަށެވެ.