ހަބަރު

އަމުރު ލިބިއްޖެ، ތަންފީޒުކުރަން ފަށައިފިން: ކަރެކްޝަން

ސުޕްރީމް ކޯޓުން މިރޭ ނެރުނު އުމުރު ލިބިފައިވާ ކަމަށާއި އެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ދާދިދެންމެއަކު ބުނެފި އެވެ.

ކަރެކްޝަންއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އަމުރު ތަންފީޒުކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ފުލުހުން ވެސް ވަނީ މިހެން ބުނެފަ އެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރު ނިންމާލަމުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ އެއްވާ ގޮތުގެ މަތިން އަމަލުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިފައިންނާއި ފުލުހުންގެ މައްޗަށާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.

އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުން މިރޭ ކުއްލި ގޮތަކަށް ނެރުނު އަމުރުގައި އިތުރަށް ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރުފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ބައިނަލް އަގުވާމީ ތަރުޖަމާނު އިބުރާހީމް ހުސައިން ޝިހާބު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ބަޔާނެއްގައި ބުނެފައި ވަނީ އެ އަމުރު ނެރެފައި ވަނީ ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.

" ... އެހެންވީމާ އެ އަމުރަށް އަމަލުކުރުމަށް ޓަކައި ގާނޫނީ ހުކޫމަތާއި އުސޫލާ އެއްގޮތަށް ސުޕްރީމްކޯޓާ ވާހަކަ ދައްކައި ލަފާ ހޯދަން ސަރުކާރުން މަސައްކަތް ކުރާނެއެވެ،" ބަޔާނުގައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީން ގުޅުއްވުމުން ފޯނު ނުނެންގެވި ކަމަށް ވިދާޅުވެ ސީޕީ އަހުމަދު އަރީފް ވަނީ މަގާމުން ވެސް ވަކިކޮށްފަ އެވެ. ސީޕީ މަގާމުން ވަކިކޮށްފައިވަނީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ސީޕީ އަމުރު ތަންފީޒުކުރަން ފެށި ފަހުންނެވެ. ފުލުހުން އެގޮތަށް ޓްވީޓް ކުރުމަށްފަހު މިހާރު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާ މިހާރު ހިންގުމާ ހަވާލުވެ ހުންނެވީ ސައުދީ ކަމަށެވެ.