1 ފެބުރުއަރީގެ އަމުރު

ކޯޓުގެ އަމުރު ތަންފީޒު ނުކޮށް 10 ގަޑިއިރު، އަމުރަށް ފަރުވާކުޑަކޮށްފި

Feb 2, 2018
11

ރޭ 10:20 އެހާއިރު ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް ނެރުނީ އެންމެން ވެސް ހައިރާންކޮށްލި ވަރުގަދަ އަމުރެކެވެ. ޕާޓީ ބަދަލު ކުރާ މެންބަރުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނެރުނު ހުކުމް ބާތިލްކޮށް ގޮނޑި ގެއްލުނު ކަމަށް ބުނާ ޕީޕީއެމްގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމި އެވެ. އަދި ނިމުނީއެއް ނޫނެވެ. ޖަލަށް ލާފައި ތިބި އިިދިކޮޅު ލީޑަރުންގެ މައްޗަށް ހިންގި ޝަރީއަތްތައް ރަނގަޅު ނޫން ކަމަށް ނިންމައި، އެ މައްސަލަތަކުގެ ޝަރީއަތް އަލުން ބޭއްވެންދެން އެބޭފުޅުން ވަގުތުން ބަންދުން ދޫކުރަން އެންމެހާ އިދާރާތަކަށް އޮތީ އަމުރުކޮށްފަ އެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށް ފަރުވާ ކުޑަކުރުން ނޫނީ ހުރަސްއެޅުން ފަދަ ކަމެއް ކުރާ ކޮންމެ މީހެއްގެ މައްސަލަ ޕީޖީއިން ބަލައި ފިޔަވަޅު އަޅަން ވެސް ވަނީ އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ މި ހުކުމް ގާނޫނީ ބޭފުޅުން ވިދާޅުވަނީ އޮތީ ވަރަށް ސާފު ބަހުން ކަމަށެވެ. އެ ހުކުމާ މެދު ހިޔާލު ތަފާތުވާނެ ޖާގައެއް ވެސް ނެތް ކަމަށެވެ. ސަބަބަކަށް ވަނީ، އެ އަމުރު ރައްދުވާ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ވަގުތުން ކަންތައްތަކެއް ތަންފީޒު ކުރުމަށް އަމުރުކުރައްވާފައި ވުމެވެ. ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލް މުހައްމަދު ޝަމީމް ވިދާޅުވީ އެ ހުކުމާ ގުޅިގެން އެއްވެސް ފަރާތަކުން ބަލަން ޖެހޭ އިތުރު ކަމެއް ނެތް ކަމަށާއި ހުކުމް އޮތީ ވަރަށް ސާފުކޮށް ކަމަށެވެ. އަދި ލަސްކުރާ ނަމަ އެއީ އަމުރާ ހިލާފަށް ކުރާ ކަމެއް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ޖިނާއީ އިޖުރާއަތުގައި ކުރާނެ އެންމެ ބޮޑު ކަންތައްތައް އެއީ މީހަކު ހައްޔަރު ކުރުން. އެއީ އެންމެ މުހިންމު އަސާސީ ހައްގު ނިގުޅައި ގަތުން. ކޯޓުން އެ ވަނީ ވަގުތުން އެބޭފުޅުން ދޫކޮށްލަން އަމުރެއް ނެރުއްވާފައި. އޭގެ މާނައަކީ އެކަމަށް ބަހަނާއެއް ނޯންނާނެ. ދިރާސާެއް ކުރަން ޖެހޭ ނޯންނާނޭ،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނީ ވަކީލުން އެގޮތަށް ވިދާޅުވި ނަމަވެސް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަމުރުގެ ކަންކަން ނެންގެވީ ވަރަށް އާދައިގެ ގޮތަކަށެވެ. އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު ކަމަށް ބުނާ އަމުރެއް އެބަ އުޅޭ ކަމަށާއި އެއީ ސައްހަ އަމުރެއްކަން ފުރަތަމަ ބަލަން ޖެހޭ ކަމަށެވެ. އަދި އަމުރުގައި ހުރި ކަންކަމާ މެދު ސުޕްރީމް ކޯޓާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ އަމުރު ތަންފީޒު ކުރުމުގެ ކުރިން ސަރުކާރުގައި ހުރި ގާނޫނީ ކަންބޮޑުވުންތައް ސުޕްރީމް ކޯޓާ ހިއްސާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް ވަކީލް ޝަމީމު ވިދާޅުވީ، ކޯޓަކުން އަމުރެއް ނެރުމުން ދެން ކުރަން ޖެހޭ މަޝްވަރާއެއް ނޯންނާނެ ކަމަށާއި އެކަން ވީ އަވަހަކަށް ތަންފީޒު ކުރުން ލާޒިމް ކަމަށެވެ. އަދި ކޯޓު އަމުރެއް ތަންފީޒު ކުރުމުގެ ކުރިން އިޖުރާއަތުތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް އިޖުރާއަތުތައް ފުރިހަމަ ކުރަން ކަމަށް ބުނެ، އެތައް ދުވަސްތަކެއް ނެގުމަކީ ކަނޑައެޅިގެން އަމުރާ ހިލާފުވުން ކަމަށް ވެސް ޝަމީމު ވިދާޅުވި އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް 10 ގަނޑިއިރުވީ އިރުވެސް އޭގައި ހުރި ކަންކަން ސަރުކާރުގެ އިދާރާތަކުން ތަންފީޒުކޮށްފައެއް ނުވެ އެވެ. އެ އަމުރު އެންމެ ބޮޑަށް ރައްދުވާ ފުލުހުންނާއި ކަރެކްޝަންސް އިން ބުނަނީ އަމުރު ލިބިއްޖެ ކަމަށާއި ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ސިޔާސީ ލީޑަރުން މިނިވަން ކުރުމަކީ ވަގުތުން ކުރަން ޖެހޭ ކަމެއް ނަމަވެސް، އެބޭފުޅުންގެ އާއިލާގެ ބޭފުޅުން ރޭއްސުރެ ކަރެކްޝަންސްގެ މާލޭ އޮފީހުގައި އެބޭފުޅުން ދޫކޮށްލާނެ ވަގުތެއްގެ އިންތިޒާރުގައި އެބަ ތިއްބެވި އެވެ. އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ބަަލައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކުވެސް، ސަރުކާރުން ގޮތް ދޫނުކޮށް މަދު ފުލުހުން މަގުތަކަށް ނެރެގެން ކަންކަން ހާސިލްވޭތޯ ރައީސް ޔާމީން އަދިވެސް މަސައްކަތް ކުރައްވާ ކަމަށް އިދިކޮޅު އިއްތިހާދުގެ ސްޕޯކްސްޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވި އެވެ. ސަރުކާރުން ބުނަނީ ސުޕްރީމް ކޯޓްގެ ހުކުމަށް އިހުތިރާމް ކުރާ ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރުގެ އަމަލުން އެކަމެއް ނުފެނެ އެވެ. ކޮމިޝަނަރުކަމުން ވަކި ކުރެއްވި އަހުމަދު އަރީފު ވެސް ވިދާޅުވީ، އޭނާ ކޮމިޝަނަރުކަމުން ވަކި ކުރީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރު ތަންފީޒު ކުރެއްވުމަށް އޭނާ ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓްގެ އަމުރުގައި ބުނަނީ، އަމުރާ ހިލާފަށް ނޫނީ އަމުރަށް ހުރަސް އެޅުމަށް އަދި އަމުރު ތަންފީޒު ކުރަން ފަރުވާކުޑަ ކުރާ ނަމަ އެއީ ކުށެއް ކަމަށެވެ. އަދި ޕީޖީ އިން އެފަދަ ކޮންމެ މައްސަލައެއް ވަކިވަކިން ބަލައި ތަހުގީގުކޮށް ދައުވާ ކުރަން ޕީޖީގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެއްވެސް މަގުބޫލު އުޒުރެއް ނެތި ސަރުކާރުން މި ކަންކަން ލަސްކުރުމަކީ ސުޕްރީމް ކޯޓުން އެނބުނާ ފަރުވާ ކުޑަކުރުން ހެއްޔެވެ؟ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ނުކޮށް ލަސްކުރާ ކޮންމެ ފަހަރަކީ ކޯޓް އަމުރާ ހިލާފުވުން ކަމަށް ބަލައި މުއައްސަސާތަކުގެ ވެރިންގެ މައްޗަށް ދައުވާ ކުރެވިދާނެ ހެއްޔެވެ؟ މިއީ ކުރިއަށް އޮތްތަނުގައި ޖަވާބު ލިބޭނެ ބޮޑެތި ސުވާލުތަކެވެ. އަދި ސުޕްރީމް ކޯޓްގެ އަމުރަށް ފަރުވާ ކުޑަކުރަން އެ ކޯޓުން ދޫކޮށްލައިގެން ތިބޭނެ ހެއްޔެވެ؟