1 ފެބުރުއަރީގެ އަމުރު

އަމުރާއެކު ފުލުހުންގެ ބަޔަކު ހަމައެއް ލަމައެއް ނެތި މަގުތަކަށް

އިއްޔެގެ އިރު އޮއްސިގެން ދިޔައީ ސިޔާސީ ބޮޑު ކަމެއް ވާން އުޅޭ ކަމުގެ އަޑުތަކާއެކު އެވެ. ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމަނީ ކަމަށް ތުންތުން މަތިން ދިޔައީ ދެކެވެމުންނެވެ. ރޭ 10:20 ހާއިރު ސުޕްރީމް ކޯޓުން އެންމެ ދުލު ކުރީގަ ދެކެވެނު ވާހަކަ ހަގީގަތަކަށް ހެދި އެވެ. އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓު އަމުރެއް ނެރުނެވެ.

އެ އަމުރުގައި ހިތަށް ވެސް ގެނެވިފައިނުވާ ބޮޑު ކަމެއް ވަނީ ހިމަނާފަ އެވެ. އަމުރު ނިންމާލަވަމުން، ޖަލަށް ލެވިފައިވާ ސިޔާސީ ހުރިހާ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ވަނީ އަންގާފަ އެވެ. މިކަމުގައި ގެނައީ ބޮޑު ސިހުމެކެވެ. ގަބޫލު ކުރަން އުނގަދޫވެގެން އެންމެން ވެސް ހަމަ ދިޔައީ "ހަމަ ތެދެއްތަ؟" ކަމަށެވެ.

އާންމުންނަށް މިކަން ގަބޫލު ނުކުރެވިގެން އުޅުނުއިރު ސަރުކާރަށް މިއީ ސިޔާސީ ބޮޑު "ބޮމެކެވެ." އެ "ބޮން" ސަރުކާރު ތެރޭގައި ގޮވައި ރައީސް އަބްދުﷲ ޔާމީން ވަގުތުން ސިފައިންގެ މަރުކަޒަށް ވަޑައިގެން، ސިފައިންގެ ވެރިޔާ އާއި ބަންޑާރަ ނައިބާއި ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރު ލައްވާ "ނޫސްވެރިންގެ ބައްދަލުވުމެއް" ބޭއްވި އެވެ.

ސުޕްރީމް ކޯޓުން ނެރުން ކަމަށް "ބެލެވޭ" އަމުރެއް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ސިފަ ކުރެއްވިއިރު އެންމެ ބޮޑު ހައިރާން ކަމެއް އައީ ރައީސްއަށް ސީޕީ އަހުމަދު އަރީފަށް ނުގުޅުއްވިގެން ސީޕީ މަގާމުން ދުރުކޮށްފައިވާ ވާހަކައިންނެވެ. އޭރު ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ސީޕީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަމުންދާ ކަމަށް ބުނެ، ޓްވީޓެއް ކުރައްވާފަ އެވެ. އޭރު އެމްޑީޕީ ހަރުގެ ކުރިމަތީގައި ދިޔައީ އުފާ ފާޅުކުރަމުންނެވެ. ފުލުހުން ތިބީ މަޑު މައިތިރިކަމާއެކު ބަލާށެވެ. އެކަމަށް އެއްވެސް ހުރަހެއް ނާޅަ އެވެ.

"ތިޔަ ބޭފުޅުންގެ ގަޔަކު ދެން އެ ފުލުހުން އަތެއް ނުލާނެ،" ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވެސް އުފަލާއެކު އެ ވަގުތު ގޮވަމުން ދިޔައީ އެހެނެވެ.

ސީޕީގެ މަގާމު ފުރޮޅުމާއެކު، ފުލުހުން އެކަން ރަސްމީ ޓްވިޓާގައި އިއުލާންކުރި އެވެ. އެއަށްފަހު ފެނިގެން ދިޔައީ އުފާ ފާޅުކުރަމުން ދިޔަ ސަރަހައްދަށް ފުލުހުންގެ ބޮޑު ފައުޖުތައް ރިޔަޓް ގިޔަރާއެކު އައި ތަނެވެ. އުފާ ފާޅުކުރަމުން ދިޔަ އެއްވުމުގެ ބައިވެރިންނާ ކުރިމަތީ ކުއްލިއަކަށެވެ. އެތައް ދުވަހަކަށްފަހު ރާއްޖޭގައި ކަރުނަ ގޭސް ޖެހި އެވެ. އެއެއް މިއެއް ބަލާލުމެއް ނެތި އެވެ. އެތައް ބަޔަކަށް އަނިޔާވި އެވެ. އަންހެނުން ވަރަށް ގިނަ އެވެ. ފުލުހުން އެއެއް މިއެއް ނުބަލާ ގޭސް ޖެހުމުގެ ސަބަބުން ފުލުހުންނަށް ވެސް އޭގެ އަސަރުކުރި އެވެ. ބައެއް ފުލުހުން ހަރުގެއަށް ވައްދައިގެން އެއްވުމުގެ ބައިވެރިން އެހީ ވެސްވި އެވެ.

ދެން ވެސް ފުލުހުންގެ އަމަލުތައް ދިޔައީ ހަރުކަށިވަމުންނެވެ. ކޮޅުކޮޅަށް ފުލުހުން ދުވާ ތަން ފެނުނެވެ. އެއް ފުލުހަކާ އަނެއް ފުލުހަކު ދެބަސްވެ އަރާރުންވާ މަންޒަރު ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. އެެއްވުމުގެ ބައިވެރިންނާ ދިމާލަށް ބާރު ބާރަށް ދުއްވައިގަނެ، މީހުންނަށް އަނިޔާވާ ގޮތަކަށް ފުލުހުންގެ އަމަލުތައް ބެހެއްޓި އެވެ. މުޅި ރޭ އެއްގޮތަށް ފުލުހުން ދުއްވާލި އެވެ.

އެންމެފަހުން އިރު އެރީ އެވެ. މީހުން ތިބީ ޖުމްހޫރީ މައި ޖަގަހަ، ކުނޫޒު ކުރިމަތީގަ އެވެ. އެސްއޯ ގިނަ ފުލުހުން އެތަނުގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ. އެ ފުލުހުން ތިބީ ވަރަށް "ޖޯޝުގަ" އެވެ. އާންމުނާ ވަރަށް ބޮޑަށް ޒުވާބުކޮށް ޖަދަލުކުރި އެވެ. އަންހެން އެސްއޯ ފުލުހުންގެ ފަރާތުން ވެސް އެ މަންޒަރު ފެނުނެވެ.

ކުނޫޒު ކުރިމަތީގައި މީހުން އެއްވެ ތިއްބާ، ހުރިހާ އެސްއޯ ފުލުހުން އެއްބައި ކިޔައި އެމީހުންނާ ދިމާލަށް ބާރަށް ދުއްވައި ގަތެވެ. ދުއްވަމުން ދިޔައީ ޕެޕާ ސްޕްރޭ ޖަހާފަ އެވެ. ޕެޕާ ސްޕްރޭ އެ ވަގުތު ފުލުހުން ކުނޫޒު ކުރި މައްޗަށް ޖެހީ ހަމަނުޖެހުންތަކެއް އެތާ ނުހިނގަނީހެވެ. އަޑުގަދަ ކުރަމުން ދިޔަ ނަމަވެސް އެތާގައި ތިބި މީހުން ތިބީ ހަމަނުޖެހުން ހިންގާ ގޮތަކަށް ނޫނެވެ. އެހާ މީހުންނެއް ވެސް އެތާ ނެތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އަނިޔާވާ ގޮތަށް ފުލުހުން އެވަގުތު އަމަލުކުރި އެވެ. ދުވަމުން ދިޔައީ، އިހަވަންދޫ މެންބަރު މުހައްމަދު އަބްދުﷲ "ޖަހައި ވެސް ގަނެގެނެވެ،" މުހައްމަދު އަބްދުﷲ ދޫކޮށްލިއިރު އޭނާއަށް ވަނީ އަނިޔާވެސްވެފަ އެވެ.

ފުލުހުންނާއި އެހެން އިދާރާތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު މިހާތަނަށް ތަންފީޒުކޮށްފައިނުވާއިރު އެ އަމުރު ތަންފީޒު ކުރުމަށް ގޮވާ މީހުންނަށް ފުލުހުން ދަނީ ހުރަސް އަޅައި ޖެއްސުން ކުރަމުންނެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށެވެ. މާލޭގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ރައްޔިތުން އެއްބާރުލުން ދިނުމަށް ނަވާޒު އެދިވަޑައިގަތެވެ.

މިހާރު ފުލުހުން އުޅެނީ ގައުމު އަމާން ކުރަންތޯ ނޫނީ އަމުރަށް ފަރުވާ ކުޑަކުރުމަށްތޯ މިވަނީ ސުވާލު އުފެދިފަ އެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެއްބާރުލުން ނުދެނީ ރައްޔިތުންތޯ ނޫނީ ފުލުހުންތޯ މިވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.