1 ފެބުރުއަރީގެ އަމުރު

އަމުރު، ސުޕްރީމް ކޯޓުން އިނގިރޭސި ބަހުން ވެސް އާންމުކޮށްފި

ސިޔާސީ ބޭފުޅުން ޖަލުން ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޭ ކުއްލި ގޮތަކަށް ނެރުނު އަމުރު ތަންފީޒުކުރަން ސަރުކާރުން ފަސްޖެހިފައިވަނިކޮށް އެ އަމުރުގެ އިނގިރޭސި ތަރުޖަމާ ދާދިދެންމެއަކު ސުޕްރީމް ކޯޓުން އާންމުކޮށްފި އެވެ.

މީގެކުރިން ސުޕްރީމް ކޯޓުން މިފަދަ އަމުރުތަކުގެ އިނގިރޭސި ތަރުޖަމާ އާންމެއް ނުކުރައްވަ އެވެ. ނަމަވެސް ރޭ ނެރުއްވި އަމުރުގެ ތަރުޖަމާ ވަރަށް އަވަހަށް މިވަނީ ސުޕްރީމް ކޯޓުން އާންމުކޮށް، ސޯޝަލް މީޑިއާއަށް ވެސް ދޫކޮށްލާފަ އެވެ.

ސުޕްރީމް ކޯޓުން ރޭ ކުއްލި ގޮތަކަށް ނެރުނު އަމުރުގައި އިތުރަށް ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރުފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ބައިނަލް އަގުވާމީ ތަރުޖަމާނު އިބުރާހީމް ހުސައިން ޝިހާބު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ބަޔާނެއްގައި ބުނެފައި ވަނީ އެ އަމުރު ނެރެފައި ވަނީ ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.

"އެހެންވީމާ އެ އަމުރަށް އަމަލުކުރުމަށް ޓަކައި ގާނޫނީ ހުކޫމަތާއި އުސޫލާ އެއްގޮތަށް ސުޕްރީމްކޯޓާ ވާހަކަ ދައްކައި ލަފާ ހޯދަން ސަރުކާރުން މަސައްކަތް ކުރާނެއެވެ،" ބަޔާނުގައި ވެއެވެ.

ސަރުކާރުގެ ފަރާތުން ބަނޑޭރި ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރައީސް ޔާމީން މިރޭ އަރީފްއާ ގުޅުއްވުމަށް އެކި ފަހަރުގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަރީފްގެ މިހާތަނަށް ވެސް އަރީފްގެ ފޯނަށް ގުޅޭ ގޮތް ނުވުމުން، ގާނޫނުން ރައިސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސީޕީގެ މަގާމުން އަރީފް ވަކި ކުރަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

އަނިލް އިތުރަށް ވިދާޅުވީ ރައީސްގެ އެ ނިންމުމާ ގުޅިގެން ދެން ފުލުހުންގެ އިދާރާއާ އިސްކޮށް ހަވާލުވާނީ ޑެޕިއުޓީ ކޮމިޝަނަރު ކަން އަދާކުރަމުން އަންނަ ސައުދީ ކަމަށެވެ.

ސީޕީ މަގާމުން ވަކިކޮށްފައިވަނީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ސީޕީ އަމުރު ތަންފީޒުކުރަން ފެށި ފަހުންނެވެ. ފުލުހުން އެގޮތަށް ޓްވީޓް ކުރުމަށްފަހު މިހާރު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާ މިހާރު ހިންގުމާ ހަވާލުވެ ހުންނެވީ ސައުދީ ކަމަށެވެ.