1 ފެބުރުއަރީގެ އަމުރު

އަމުރު ތަންފީޒު ކުރަން މައުމޫން ސަލާމަތީ ބާރު ތަކަށް ގޮވާލައިފި

ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަލާމަތީ ބާރުތަކަށް ކުރީގެ ރައީސް މައުމޫން އަބުދުﷲ ގައްޔޫމް އަނެއްކާވެސް ގޮވާލައިފި އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނު ނަގަހައްޓައި، ގައުމުގެ ސަލާމަތާއި ރައްކާތެެރި ކަމަށްޓަކައި ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް އަނެއްކާވެސް ގޮވާލާ ކަމަށެވެ.

ރައީސް މައުމޫން ރޭވެސް ވަނީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުމަށް ސަލާމަތީ ބާރު ތަކަށް ގޮވާލާފަ އެވެ.

ސުޕްރީމް ކޯޓުން ރޭ ކުއްލި ގޮތަކަށް ނެރުނު އަމުރުގައި އިތުރަށް ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރުފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ބައިނަލް އަގުވާމީ ތަރުޖަމާނު އިބުރާހީމް ހުސައިން ޝިހާބު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ބަޔާނެއްގައި ބުނެފައި ވަނީ އެ އަމުރު ނެރެފައި ވަނީ ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.

"އެހެންވީމާ އެ އަމުރަށް އަމަލުކުރުމަށް ޓަކައި ގާނޫނީ ހުކޫމަތާއި އުސޫލާ އެއްގޮތަށް ސުޕްރީމްކޯޓާ ވާހަކަ ދައްކައި ލަފާ ހޯދަން ސަރުކާރުން މަސައްކަތް ކުރާނެއެވެ،" ބަޔާނުގައި ވެއެވެ.