ހަބަރު

ކޯޓު އަމުރަށް ސަރުކާރުން ތަބާވާން ޖެހޭ: އިންޑިއާ

ރާއްޖޭގެ ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަށް ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ކޮންމެހެން ވެސް އަމަލު ކުރަން ޖެހޭ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ކުޑަ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުރިހާ ސިޔާސީ ކުށްވެރިން ދޫކޮށްލަން ސުޕްރީމް ކޯޓުން ރޭގައި ނެރުނު އަމުރު އިންޑިއާއަށް ފެނިފައިވާ ކަމަށެވެ.

"...ޑިމޮކްރަސީއާއި ގާނޫނީ ވެރިކަމުގެ ރޫހާ އެއްގޮތަށް، އެޕެކްސް ކޯޓު [ސުޕްރީމް ކޯޓު]ގެ އަމުރާ އެެއްގޮތަށް ސަރުކާރުގެ ހުރިހާ ގުނަވަނަކުން އަމަލުކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ،" އިންޑިއާގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ މީހުންގެ ސަލާމަތާ ރައްކާތެރިކަން ރާއްޖޭގެ މުއައްސަސާތަކުން ކަށަވަރުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އަދި ބުނީ ގާތް އެކުވެރި ގައުމެއްގެ ހައިސިއްޔަތުން އިންޑިއާއިން ދެކެން ބޭނުންވަނީ ސުލްހަ މަސަލަސްކަމާއި އެކު ކުރިއަރަމުން އަންނަ ދިވެހިރާއްޖެއެއް ކަމަށެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި މިހާރު ބަންދުކޮށްފައި ތިބި ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރު ތަންފީޒު ނުކޮށް ސިފައިންގެ ހެޑްކުއާޓަރުގައި ބައެއް މިނިސްޓަރުން ތިއްބަވައިގެން ޓީވީ އެމް މެދުވެރިކޮށް ދެއްވި ބަޔާނުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެ އަމުރު ސިފަ ކުރެއްވީ، "ސުޕްރީމް ކޯޓުން ނެރުނު ކަމަށް ބެލެވޭ އަމުރެއްގެ" ކަމަށެވެ. އެ އަމުރުގެ ސައްހަކަން ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.