ދުނިޔެ

އަނެއްކާވެސް އިނގިރޭސި ބޮޑުވަޒީރުކަން ކެމެރަން އަށް

May 8, 2015

އިނގިރޭސި ވިލާތުގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގެ އެކްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ބޮޑުވަޒީރު ޑޭވިޑް ކެމެރަން މަގާމުގެ ދެ ވަނަ ދައުރަކަށް ހޮވި ވަޑައިގަތުން ވަރަށް ގާތެވެ. ކެމެރަންގެ ކޮންޒަވެޓިވް ޕާޓީ އަށް އަޣުލަބިއްޔަތު ލިބޭނެ ކަމަށް ނަތީޖާތައް ދައްކާއިރު ލޭބާ ޕާޓީ އާއި ލިބެރަލް ޑިމޮކްރޭޓުންނަށް ވަނީ މުހިންމު ބައެއް ސަރަހައްދުތަކުގައި ނާކާމިޔާބުވެ އިސް ބައެއް ބޭފުުޅުންނަށް ގޮނޑި ގެއްލިވަޑައިގެންފަ އެވެ.

ބީބީސީ އިން ލަފާކުރާ ގޮތުގައި ކޮންޒަވެޓިވް ޕާޓީ އަށް 325 ގޮނޑި ލިބޭނެ އެވެ. އެހެން ވެއްޖެ ނަމަ ހައުސް އޮފް ކޮމަންސްގެ އަޣުލަބިއްޔަތު ލިބޭނެ އެވެ. ނަމަވެސް ކެމެރަން ވިދާޅުވީ ކާމިޔާބީ އިއުލާނު ކުރައްވަން އަދި މާ އަވަސް ކަމަށެވެ.

ލޭބާ ޕާޓީ އަށް ވަނީ ސްކޮޓްލެންޑާއި އިންގްލެންޑާއި ވޭލްސްގައި ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ. ލިބެރަލް ޑިމޮކްރޭޓުންނަށް ލިބޭނެ ކަމަށް ބެލެވެނީ 12 ވަރަކަށް ގޮނޑި އެވެ. ލޭބާ ޕާޓީ އަށް 232 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވޭއިރު އެސްއެންޕީ އަށް 56 ގޮނޑި ލިބޭނެ ކަމަށް ބެލެވެ އެވެ.

މި ނަތީޖާ އަށް ބަލާއިރު ލޭބާ ޕާޓީ އާއި ޑިމޮކްރޭޓުން އެއްވިޔަސް ހައުސް އޮފް ކޮމަންސްގައި ކޮންޒަވެޓިވް ޕާޓީ ބޭނުންވާ ގޮތަކަށް ކަންތައް ނިންމުމުގެ ބާރު އޮންނާނެ އެވެ.

އިންތިހާބުގެ ކުރިން ކެމެރަން ވިދާޅުވެފައި ވަނީ އޭނާ މި ފަހަރު އިންތިހާބުވެއްޖެ ނަމަ އިތުރު ދައުރަކަށް ދެން ކުރިމަތި ނުލައްވާނެ ކަމަށެވެ. ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަމާ 2005 ވަނަ އަހަރު ހަވާލުވެ ވަޑައިގަތުމަށް ފަހު ކެމެރަން ބޮޑުވަޒީރު ކަމަށް ވަޑައިގަތީ 2010 ވަނަ އަހަރު ލޭބާ ޕާޓީގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.