ވިޔަފާރި

މިދިޔަ މަހު ލަންކާ އަށް ދިޔަ ދިވެހިންގެ އަދަދު 14 ޕަސެންޓް ދަށަށް

May 8, 2015

ޓޫރިސްޓު ވިސާގައި މިދިޔަ މަހު ސްރީ ލަންކާ އަށް ދިޔަ ދިވެހިންގެ އަދަދު ކުރީ އަހަރާ އަޅާބަލާއިރު 14 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ލަންކާގެ ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމްގެ ރަސްމީ ހިސާބުތަކާ ހަވާލާދީ ލަންކާ ބިޒްނަސް އޮންލައިނުން ބުނީ މިދިޔަ މަހުގެ ލަންކާ އަށް ޓޫރިސްޓުންގެ ގޮތުގައި ދިޔައީ 5859 މީހުންނެވެ. އެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 14.6 ޕަސެންޓް ދަށް އަދަދެކެވެ.

ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ބަލާއިރު އެންމެ ގިނައިން ލަންކާ އަށް ދިޔައީ ކުރިއެކޭ ވެސް އެއްގޮތަށް އިންޑިއާ އިންނެވެ. އެއީ 23048 މީހުންނާ އެކު 34 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިގެންނެވެ. ނަމަވެސް ރާއްޖެ އާއި ޕާކިސްތާނާއި ބަންގްލާދޭޝް އިން ލަންކާ އަށް ދިޔަ މީހުންގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ. އެކަމަކު ޖުމުލަކޮށް ބަލާއިރު ދެކުނު އޭޝިއާ އިން ލަންކާ އަށް ދިޔަ ޓޫރިސްޓުންގެ ނިސްބަތް 17.7 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

ލަންކާގެ ޖުމުލަ ޓޫރިސްޓު އެރައިވަލް މިދިޔަ މަހު ވަނީ 8.5 ޕަސެންޓް އިތުރުވެފަ އެވެ. އެއީ 122217 ޓޫރިސްޓުންނާ އެކުގަ އެވެ. މި ކުރިއެރުމުގައި އެންމެ ބޮޑަށް ހިއްސާވެފައި ވަނީ ޗައިނާ އާއި އިންޑިއާ އެވެ. ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 72.3 ޕަސެންޓް އިތުރުވެފަ އެވެ.

އިރުމަތީ ޔޫރަޕުން ލަންކާ އަށް ދިޔަ ޓޫރިސްޓުންގެ އަދަދު މަދުވެ 6.4 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އިނގިރޭސި ވިލާތާއި ޖަރުމަނުން ވެސް ޓޫރިސްޓުން ވަނީ މަދުވެފަ އެވެ. ފްރާންސާއި ނެދަލެންޑްސް އިން ކުޑަ މިންވަރެއް މައްޗަށް ޖެހިލާފައި ވާއިރު ރަޝިއާ މާކެޓުން 14.5 ޕަސެންޓް އިތުރުވެ 5699 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.