1 ފެބުރުއަރީގެ އަމުރު

ކޯޓް އަމުރު ތަންފީޒު ނުކުރުމަކީ ޖިނާއީ ކުށެއް، ފިޔަވަޅު އެޅޭނެ: އިބޫ

Feb 2, 2018
4

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ނުކުރާ ކޮންމެ މީހެއް ވިޔަސް އެ ކުރަނީ ޖިނާއީ ކުށެއް ކަމަަށާއި އެފަދަ ފަރާތްތަކުގެ އެ އަމަލުތައް ތަހުގީގުކޮށް އަދަބު ދެވޭނެ ކަމަށް އިދިކޮޅު ސިޔާސީ ލީޑަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުނުތާ 24 ގަޑިއިރު ވުމާ ގާތްވެފައިވާއިރުވެސް އެ އަމުރު ތަންފީޒް ނުކޮށް ލަސްކުރާ މައްސަލައިގައި އިދިކޮޅު ލީޑަރުންގެ ފަރާތުން ބޭއްވި ޕްރެސްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު އަމުރު ވަރަށް ސާފުކޮށް އެނގެން އޮތްވާ ވެސް އެ އަމުރު ތަންފީޒުނުކޮށް ލަސްކުރަމުން ދިޔުމަކީ ޖިނާއީ ކުށެއް ކަމަށާއި އަމުރު ތަންފީޒް ނުކޮށް ލަސްކުރަމުން ދާ ދިޔުމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހޭނެ ކަމަށެވެ. އިބޫ ވިދާޅުވީ، މުއައްސަސާތަކުގެ ވެރިން ވެސް މި އަމުރު ތަންފީޒު ކުރަން ޖެހޭނެ ކަމަށާއި އަމުރު ތަންފީޒު ނުކޮށް ލަސްކުރާ ކޮންމެ ވަގުތަކީ ޖިނާއީ ކުށެއްގެ މަތީގައި އެބޭފުޅުން ތިބޭ ތިބުމެއް ކަމަށެވެ.

"މިކަން ކަމަކީ ތަހުގީގު ކުރެވޭނެ ކަންކަންކަން ކަން މުއައްސަސާތަކުގެ ވެރިން ދަންނަން ޖެހޭނެ. އެންމެހާ މުއައްސަސާތަކުގެ ބޭފުޅުން މި އަމުރު ތަންފީޒު ކުރުމަށް ލަސްނުކޮށް މަސައްކަތް ކުރައްވާ. އެހެން ނޫނީ އެބޭފުޅުންގެ ކަންކަން ބެލި އެބޭފުޅުން އެ ހިންގެވި ކުށަށް އަބަދުު ލިބިގެން ދާނެ. މިއީ ޝަރުއީ އެންމެ މަތީ ކޯޓެއްގެ އަމުރެއް. މި އަމުރު ތަންފީޒް ނުކޮށް ލަސްކުރުމުުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވަން މިޖެހެނީ ރައީސް އަބްދުﷲ ޔާމީން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓްގެ އެ އަމުރު ތަންފީޒުނުކޮށް ލަސްވާ ލަސްވުން ބައިނަލްއަގުވާމީ ފަރާތްތަކާއި އަވަށްޓެރި ގައުމުތަކާ ހިއްސާ ކުރަމުން ދާ ކަމަށެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށް އެ ފަރާތްތަކުން ބާރުއަޅައި ދިނުމަށް ވެސް އެދެމުން އަންނަ ކަމަށް ވިދާޅުވި އެވެ. އިބޫ ވިދާޅުވީ އަމުރު ތަންފީޒު ކުރުމަށް ސިޔާސީ ލީޑަރުން ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އިބޫ ވިދާޅުވީ އޭޖީ ވިޔަސް އަދި ޕީޖީ ވިޔަސް ސުޕްރީމް ކޯޓްގެ އަމުރަށް އަމަލު ކުރުން ލާޒިމް ވާނެ ކަމަށާއި ބަހަނާ ދައްކައިގެން ލަސްކުރުމަކީ އެބޭފުޅުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެންމެހާ ރައްޔިތުން ވެސް މާލެ އައިސް ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ކުރަން ސަރުކާރަށް ގޮވާލުމަށް ވެސް އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ބުނި މެންބަރުންގެ ގޮނޑި ނުގެއްލޭކަން މިހާރު ކަށަވަރުވެފައިވާ ކަމަށާއި އެހެން ކަމުން އެ މެންބަރުންނަށް ދެން އޮންނަ މަޖިލީހުގެ ޖަލްސާއަކަށް ވަދެވެން ޖެހޭނެ ކަމަށެވެ. އީބޫ ވިދާޅުވީ ސުލްހަވެރިކަމާ އެކު ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމަށް ވެސް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، އެ ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވިޔަސް ކަރެކްޝަސް އިން އެކަމަށް އަމަލެއް ނުކުރާ ކަމަށެވެ. އަދި އިމްރާން މިހާރު ވަނީ ރަހީނުކޮށްފައި ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ. އަދި އެ ރަހީނުން އިމްރާން ސަލާމަތް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.