ދުނިޔެ

ސަރަހައްދުގައި ނުފޫޒު ގަދަކުރުމުގެ ހައްގު ޗައިނާ އަށް ވެސް އޮންނާނެ: މޮދީ

May 8, 2015

އިންޑިއާ ހިމެނޭ ސަރަހައްދުގައި ބާރާއި ނުފޫޒު ގަދަކުރުމުގެ ހައްގު ޗައިނާ އަށް ވެސް އޮންނާނެ ކަމަށް ޗައިނާގެ ވާދަވެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ވިދާޅުވެއްޖެ އެވެ.

އަންނަ ބުރާސްފަތި ދުވަހު ޗައިނާ އަށް ކުރައްވަން ހަމަޖެހިފައިވާ ތިން ދުވަހުގެ ތާރީހީ ދަތުރުފުޅުގެ ކުރިން ޓައިމް އަށް ދެއްވި އިންޓަވިއުއެއްގައި މޮދީ ވިދާޅުވީ ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ނުފޫޒު ގަދަކުރުމަށް މަސައްކަތް ކުރުމަކީ ތަބައީ ކަމެއް ކަމަށާއި އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ކަމޭ ހިތައިގެން އެކަމުގައި ކުރިއަށްދާ ނަމަ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

މޮދީ މިހެން ވިދާޅުވެފައި ވަނީ މި ވަނީ އިންޑިއާގެ އަވަށްޓެރި ގައުމުތައް ކަމަށްވާ ލަންކާ އާއި ރާއްޖެ އަދި އެހެން ގައުމުތަކުގައި ވެސް ޗައިނާގެ ބާރު ގަދަވަމުން އަންނާތީ އެކަމާ އިންޑިއާ އިން ހާއްސަ ފިޔަަވަޅުތަކެއް އަޅަން ފަށާފައި ވަނިކޮށެވެ.

"ބައިނަލްއަގުވާމީ ގުޅުންތައް ގައުމުތަކުން ގާއިމުކުރަމުން ދާއިރު ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ނުފޫޒު ބައިނަލްއަގުވާމީ މައިދާނުގައި އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ އޮންނަ ގޮތް،" މޮދީ ވިދާޅުވި އެވެ.

އިންޑިއާގެ ވަށައިގެން ޗައިނާގެ ނުފޫޒު ގަދަކުރަމުން ދާތީ އެކަމާ ކުރި ސުވާާލާ ގުޅިގެން މޮދީ ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް، އިންސާނީ ހައްގުތަކަށް ކަމޭހިތައިގެން މަސައްކަތްކުރާ ނަމަ ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ނުފޫޒު ގަދަކުރުމަށް މަސައްކަތް ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.

ބޯޑަރުގެ މައްސަލާގައި އިންޑިއާ އާއި ޗައިނާއާ ދެމެދު ވަރަށް ބޮޑު ހިޔާލުތަފާތުވުމެއް އޮވެ އެވެ. އަނެއްކޮޅުން ޗައިނާ އިން އިންޑިއާގެ އަވަށްޓެރި ގައުމުތަކުގައި ބާރު ގަދަކުރާތީ މޮދީ ވަނީ އޭނާގެ އިންތިހާބީ ކެމްޕޭނުތެރޭގައި ޗައިނާ އަށް ބަހުގެ ހަމަލާތައް ދެެއްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ޗައިނާ އިން ގެންގުޅޭ "ފުޅާކުރުމުގެ ފިކުރާމެދު" އެ ގައުމު ވިސްނަން ޖެހޭނެ ކަމަށެވެ. އެ ވާހަކައާ ގުޅިގެން ޗައިނާ އިން ރައްދު ދެމުން ބުނެފައި ވަނީ ޗައިނާ އަކީ އެހެން ގައުމެއްގެ ބިމުން އެންމެ އިންޗިއެއް ހޯދަން ވެސް ހަނގުރާމައެއް ކުރި ގައުމެއް ނޫން ކަމަށެވެ.

އިންޓަވިއުގައި މޮދީ ވިދާޅުވީ އިންޑިއާ އާއި ޗައިނާ އިން ވެސް މި ފަހަކަށް އައިސް މައްސަލަތަކުގައި ގެންގުޅެނީ ކުރިއަށްވުރެ ތަސައްރަފު ފުދިފައިވާ ވިސްނުމެއް ކަމަށެވެ. އިންޑިއާ އާއި ޗައިނާ ހިއްސާކުރާ ބޯޑަރުގައި ދެ ގައުމުން ވެސް މިލްކުވެރިކަމާ މެދު ދައުވާކުރާ ބޮޑު ސަރަހައްދުގެ މައްސަލަ ކިތަންމެ ބޮޑަށް އެ ސަރަހައްދުގައި އެއްވެސް ސިފައެއްގައި ހަމަލާއެއް ބަދަލު ނުކުރާތާ 25 އަހަރު ވެފައި ވުމަކީ ދެ ގައުމުން ވެސް އަދުގެ ދުނިޔެއިން ފިލާވަޅު ލިބިގެންފައިވާ ކަމުގެ ހެއްކެއް ކަމަށް މޮދީ ވިދާޅުވި އެވެ.

މޮދީ މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ޗައިނާ އަށް ވަޑައިގެން އެކި ފެންވަރުގެ ވެރިންނާ ބައްދަލުކުރައްވާފައިވެ އެވެ. ނަމަވެސް މިފަހަރުގެ ދަތުރުފުޅަކީ މިދިޔަ އަހަރު ވެރިކަން ލިބިވަޑައިގެން ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.