1 ފެބުރުއަރީގެ އަމުރު

އަޒްލީންގެ ދިފާއުގައި ހޯމް މިނިސްޓްރީން ޓްވީޓްތަކެއްކޮށްފި

ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުން އޭނާގެ ފޮޓޯއާއެކު ހޯމް މިނިސްޓްރީން ޓްވީޓްތަކެއް ކޮށްފި އެވެ.

ހޯމް މިނިސްޓްރީން ފުރަތަމަ ކުރި ޓްވީޓް ރައްދު ދީފައިވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒަށެެވެ. މިރޭ ކުނޫޒުގައި ބޭއްވި ޕްރެސްގައި ރިޔާޒު ވަނީ އަޒްލީނަށް ފާޑު ވިދާޅުވެފަ އެވެ. މިފަދަ ހާލަތެއްގައި އަޒްލީން އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނަވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ސިޔާސީ ބޭފުޅުން ޖަލުން ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޭ ކުއްލި ގޮތަކަށް ނެރުނު އަމުރަށްފަހު މިހާތަނަށް ސަރުކާރުން ބޭއްވި ދެ ޕްރެސް ބްރީފިންގައި ވެސް އަޒްލީން ބައިވެރިވަޑައިގެންނެވި އެވެ. އެންމެ ފުރަތަމަ ބޭއްވި ޕްރެސްގައި ވެސް އެއްޗެއް ވިދާޅުނުވެ އަޒްލީން ވަނީ އޭނާ ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ސިއްރުން ވާހަކަ ދައްކަވައި އެ ޕްރެސްގައި ދައްކަން އޮތް ވާހަކައެއް އަނިލަށް ހަނދާން ކޮށްދެއްވާފަ އެވެ.

އެއީ ސީޕީ އަހުމަދު އަރީފް މަގާމުން ދުރިކުރިކަން އިއުލާން ކުރުމެވެ. ފުލުހުންގެ އިދާރާއަކީ ހޯމް މިނިސްޓަރުގެ ދަށުން ހިންގާ ތަނަކަށްވާއިރު ސީޕީ މަގާމުން ދުރުކުރިކަން ހޯމް މިނިސްޓަރަށް އިއުލާން ކުރައްވަން ނުކެރުނު ކަމަށް ބުނެ ވެސް އިދިކޮޅުގެ ފާޑުކިޔުން އަޒްލީންއަށް ވަނީ އަމާޒުވެފަ އެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އަޒްލީން އިންނެވި ނަމަވެސް އެއްވެސް އެއްޗެއް ވިދާޅުވެއް ނުވެ އެވެ.

ހޯމް މިނިސްޓްރީން ކުރި ޓްވީޓްގައި ބުނެފައިވަނީ "ދިވެހި ސަރުކާރާއި ހޯމް މިނިސްޓަރު އަޒްލީން ބަދުނާމުކޮށް ރިޔާޒު މީޑިއާތަކުގަ ދައްކަވަމުން ގެންދަވާ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ކަމަށެވެ.

ދެވަނަ ޓްވީޓެއް ވެސް ކުރި އެވެ. އެ ޓްވީޓްގައި ހޯމް މިނިސްޓްރީން ބުނީ، "ގާނޫނު ނެގެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެއްވުމުގައި މިނިސްޓަރު އަޒްލީން ހުންނެވީ ސާބިތުކަމާއެކު" ކަމަށެވެ.

މިނިސްޓަރުގެ ދިފާއުގައި މިނިސްޓްރީން ޓްވީޓްތަކެއް ކޮށްފައިވީ ނަމަވެސް އަމިއްލަ ދިފާއުގައި ޓްވީޓެއް ވެސް އަޒްލީން ނުކުރައްވަ އެވެ. އަދި އަޒްލީންގެ ފޯނަށް ގުޅުމުން ޖަވާބެއް ވެސް ނުދެއްވަ އެވެ.