1 ފެބުރުއަރީގެ އަމުރު

މަހުލޫފް ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި

ގިނަ ދުވަސްތަކެއްގައި ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތް ތަނުން ފުލުހަށް ހާޒިރުވާން އަންގާ ފޮނުވި ޗިޓަށް ހާޒިރުނުވި ނަމަވެސް މައްސަލައެއް ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް ފުލުހުން އަންގައިފި ކަމަށް އޭނާ ވިދާޅުވެއްޖެ އެެވެ.

މަހުލޫފް ވިދާޅުވީ، އުފާވެރި އުޖާލާ ކަންކަން ކުރިއަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން އޭގެން އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ އޭނާއަށް ފުލުހަށް ހާޒިރުވާން އެންގި އެންގުން އަނބުރާ ގެންދިޔުމެވެ. މަހުލޫފް ވިދާޅުވި ގޮތުގައި ޗިޓަށް ހާޒިރުނުވި ނަމަވެސް އެންމެ ރަނގަޅު ކަމަށް ފުލުހުން އެންގީ ފޯނުން ގުޅުމަށްފަހު އެވެ.

މަހުލޫފަށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ މަހުލޫފް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޖަމްޝީދު ޑީމޯޓް ކުރުމާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތަކެއް އޭނާގެ ޓްވިޓާ މެދުވެރިކޮށް އާންމުކޮށްފައި ވާތީ އެކަން ތަހުގީގު ކުރުމަށް ކަމަށެވެ.

މަހުލޫފް ފުލުހަށް ހާޒިރުވާން އަންގާފައި އޮތީ، އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 1:30 އަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މަހުލޫފް ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓަށް ރައްދުވާ ގޮތަށް ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ޖަމްޝީދު ޑީމޯޓް ކުރީ ފުލުހުންގެ ބެލުމުގައި ދަށުގައި ހުންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޒަހަރުދީ މަރާލަން އެންގުމުން އެކަން ނުކޮށް އެ ވާހަކަ އަދީބަށް ފޯރުކޮށް ދިނުމަށް ޖަމްޝީދު މަސައްކަތް ކުރި ކަމަށް އަޑުއިވިފައިވާ ކަމަށެވެ. ނަމަވެސް ޖަމްޝީދު ޑީމޯޓް ނުކުރެވިގެން އުޅެނީ އޭނާގެ އަތުގައި އޯޑިއޯއެއް އޮތުމުން ކަމަށް ވެސް މަހުލޫފްގެ ޓްވީޓްގައިވެ އެވެ. އަދި އެކަން ސާފުކޮށް ދިނުމަށް މަހުލޫފް ވަނީ ފުލުހުންގެ ކިބައިން އެ ޓްވީޓްގައި އެދިފަ އެވެ.