1 ފެބުރުއަރީގެ އަމުރު

ރައީސް ޔާމީން އާއި ސަލަމަތީ ބާރުތައް އަމުރު ތަންފީޒު ކުރޭ: އެމެރިކާ

Feb 2, 2018
7

ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ސިޔާސީ ލީޑަރުން މިނިވަންކޮށް މަޖިލީހުގެ މެންބަރުންނަށް އެ މީހުންގެ ދައުރު އަދާ ކުރުމަށް ފުރުސަތު ދިނުމަށް ރައީސް އަބްދުﷲ ޔާމީން އަށާއި ސަލާމަތީ ހިދުމަތަކަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިރޭ ގޮވާލައިފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ރަސްމީ ވެބްސައިޓްގައި މިރޭ އާންމު ކުރެއްވި ނޫސް ބަޔާނެއްގައި ބުނީ، ސިޔާސީ ލީޑަރުން މިނިވަންކޮށް މަޖިލީހުގެ މެންބަރުންނަށް ޒިންމާ އަދާކުރުމުގެ ފުރުސަތު ދީ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އެމެރިކާ ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ. އަދި ސުޕްރީމް ކޯޓްގެ އެ އަމުރު ތަންފީޒުކޮށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތެރެއިން ދިވެހި ސަރުކާރުން އަމަލު ކުރުމަށް ގޮވާލާ ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ، ރައީސް އަބްދުﷲ ޔާމީން އާއި ދިވެހި ސަރުކާރާއި އެންމެހާ ސަލާމަތީ ބާރުތަކުން ގާނޫނު އަސާސީ ދެމެހެއްޓުމަށް ޓަކައި ސުޕްރީމް ކޯޓްގެ އަމުރު ފުރިހަމަޔަށް ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހިންނަށް ދީ އެ ހައްގު ޔަގީންކޮށް ދިނުމަށް ވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.