ހަބަރު

އަމުރު ތަންފީޒު ކުރަން ފުލުހުން އެހެން ބައެއްގެ ލަފާ ހޯދާކަށް ނުޖެހޭ: މައުމޫން

ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުމަށް ފުލުހުން އެހެން ބައެއްގެ ލަފާ ހޯދާކަށް ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓްގެ އަމުރު ވަގުތުން ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ރޭ ފުލުހުން ދިނުމަށްފަހު މިރޭ އެހެން ގޮތަކަށް ބުނުމުން ހިތާމަކުރާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ކުރާ ހުކުމް ހުކުމަށް އަމަލު ކުރުމުގައި އެހެން އެއްވެސް ފަރާތަކާއި މަޝްވަރާ ކުރާކަށް ނުޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން އެގޮތަށް ވިދާޅުވީ، މިއަދު ފުލުހުން ނެރުނު ނޫސްބަޔާނަށް އިޝާރާތް ކުރައްވަ އެވެ. ނޫސް ބަޔާނެއްގައި ބުނީ، އަމުރު ތަންފީޒުކުރުމުގެ މަސައްކަތްތައް ފެށީ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމްގެ ލަފާގެ މަތިން ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ. އަދި އަމުރު ތަންފީޒުކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަމުރު ތަންފީޒުކުރަން ވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ލަފާ ދެއްވަވާފައިވާ ކަމަށާއި އެހެންވެ ބައެއް ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލް އެ ކޯޓަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށެވެ.

"ޑިއު ޕްރެސެސްގެ ތެރެއިން ކަންކަން ކުރިއަަށް ގެންދަން އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ، މިގޮތުން ޕީޖީއިން މިހާރު އެ މަސައްކަތް ފައްޓަވައި ލިސްޓްގައި ހިމެނޭ މީހުންގެ މައްސަލަތައް ދިރާސާކޮށް އަދި ވަރަށް އަވަސް ފުރުސަތެއްގަ ފުލުހުންނާއެކު މަސައްކަތް ކުރުމަށްފަހު ސުޕްރީމް ކޯޓަށް ގާނޫނީ ކަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުމާއި އަދި ކުރިއަށް ގެންދިޔުމަށް ޕީޖީއަށް ފެނިވަޑައިގަންނަވާ ގޮތްތަކާއެކު ހުށަހަޅާނެ،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ، ޕީޖީއިން އެކަންކަން ހުށަހެޅުމުން އެއަށް ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަނިލް މިފަދަ ކަންބޮޑުވުންތަކެއް ފާޅު ކުރެއްވިއިރު، އަމުރުގައި ބުނެފައިވާ ގޮތުން ދޫކޮށްލަން އަމުރު ކުރި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު ޝަކުވާތަކަށް ބެލިއިރު ފެންނާތީ އެބޭފުޅުންގެ ޝަރީއަތް އަލުން ބޭއްވެންދެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށް ވެސް އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ނިންމާލަމުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިފައިންނާއި ފުލުހުންގެ މައްޗަށާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.

އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅިގެން ވީއެންމެ އަވަހަކަށް އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ފަސްޖެހެމުންދާތީ، އެކަމާ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސުޕްރީމް ކޯޓަކީ ފަހު ބަސް އިއްވާ ކޯޓަށްވާއިރު އެ ކޯޓުގެ އަމުރު ތަންފީޒުނުކޮށް އެއަށް ސުވާލު އުފެއްދުމުގެ ބާރެއް ބަންޑާރަ ނައިބަށް ނެތް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.