1 ފެބުރުއަރީގެ އަމުރު

އަމުރަށް އުއްމީދެއް ނުކުރަން، އުއްތަމަ ފަނޑިޔާރާ ވާހަކަ ދެކެވިއްޖެ: ރައީސް

ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެމަނިކުފާނު އުއްމީދު ކުރައްވައިގެން ހުންނެވި އަމުރެއް ނޫން ކަމަށާއި، އެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓާ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށްގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް ޔާމީން ޕީޕީއެމްގެ އެއްވުމުގައި ބައިވެރިވަޑައިގެން، ވިދާޅުވީ، އަމުރުގައި ދޫކޮށްލަން ބުނެފައިވާ ބޭފުޅުންނަކީ ބޮޑެތި ކުށްވެރިން ކަމަށާއި އެ ބޭފުޅުންނަށް ހުކުމް ކޮށްފައިވަނީ ކޯޓުތަކުން ކަމަށެވެ. ރައީސް އޮފީހުން ނޫން ކަމަށެވެ.

އެ އަމުރު ތަންފީޒު ކުރުމަށް ދައުލަތަށް ވަގުތު ލިބެންޖެހޭ ކަމަށާއި އަމުރު ތަންފީޒު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި، އެ އަމުރުގައިވާ ކަންކަމާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާ މިހާރު ވާހަކަ ދެކެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އަމުރު ތަންފީޒު ކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަން ދެމިގެންދާނެ ކަމަށެވެ. އަދި އެ އަމުރުގެ ސަބަބުން ވެރިކަން ބަދަލުވެގެން ނުދާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް ސިއްރު އެޖެންޑާއެއް އޮންނަ ބޭފުޅެއް ނޫން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ގޮތަށް "ސިއްރު ޑީލްތައް" ނުހައްދަވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުން ދޫކޮށްލަން އަމުރު ކުރި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު ޝަކުވާތަކަށް ބެލިއިރު ފެންނާތީ އެބޭފުޅުންގެ ޝަރީއަތް އަލުން ބޭއްވެންދެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށް ވެސް އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރު ނިންމާލަމުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިފައިންނާއި ފުލުހުންގެ މައްޗަށާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.

އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅިގެން ވީއެންމެ އަވަހަކަށް އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ފަސްޖެހެމުންދާތީ، އެކަމާ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސުޕްރީމް ކޯޓަކީ ފަހު ބަސް އިއްވާ ކޯޓަށްވާއިރު އެ ކޯޓުގެ އަމުރު ތަންފީޒުނުކޮށް އެއަށް ސުވާލު އުފެއްދުމުގެ ބާރެއް ބަންޑާރަ ނައިބަށް ނެތް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.