1 ފެބުރުއަރީގެ އަމުރު

އިދިކޮޅުން ހަދަނީ "ވަގު ޑީލް"، އަޅުގަނޑު ވަރަށް ސާދާވާނެ: ރައީސް

ސިޔާސީ އިދިކޮޅު ލީޑަރުން ކުރާ ކަމަކީ "ވަގު ޑީލް" ހެދުން ކަމަށާއި އެ ބޭފުޅުންގެ ފަރާތުން އެމަނިކުފާނު ހިތްވަރު ލިބިނުގަންނަނީ އެހެންވެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ސިޔާސީ ނުވަ ބޭފުޅެއް ދޫކޮށްލަން އަމުރު ނެރެފައި އޮތްތާ އެ އަމުރަށް އަމަލުކުރުން ލަސްކުރަމުންދާ މި ދަނޑިވަޅުގައި ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުން ހުރިހާ ކަމެއް ވެސް "ވަގު ޑީލްތައް" ހަދައިގެން ކުރާ ކަމުގެ ތުހުމަތު ކުރައްވާފަ އެވެ. އެ ބޭފުޅުންނަށް ކުރަން އެނގޭ ކަމަކީ "ވަގު ޑީލް" ހެދުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ލީޑަރުންނާ ހިލާފަށް އެމަނިކުފާނަކީ ވަރަށް ސާދާ ބޭފުޅެއް ކަމަށާއި ސިއްރުން އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް އަމިއްލަ އެޖެންޑާއެއް ސިއްރު އެޖެންޑާއެއް ގެންގުޅޭ މީހެއް ނޫން، އަޅުގަނޑަކީ ވަރަށް ސާދާ މީހެއް، އަޅުގަނޑުގެ ދެ ފުށް ވެސް ހަތަރު ފުށް ވެސް ހަ ފުށް ވެސް ފެންނާނެ، އަޅުގަނޑަކީ ސިޔާސީ ގޮތުން ފިލައި ހުރެގެން ވިޔާނުދާ ކަންތައްތައް ކުރާ މީހެއް ނޫން، އަޅުގަނޑަކީ އަޅުގަނޑު ކުރާ ކަމެއް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކައިރީގަ ބުނާ މީހެއް،" ރައީސް ޔާމީން ވިދާޅުވި އެވެ "ދައުލަތަށް ދިމާވާ ކަންކަމުގަ އަޅުގަނޑަކީ ދޮގު ހަދާނެ މީހެއް ނޫން، އަޅުގަނޑަކީ ވަރަށް ސާދާ ބަހުން ވާހަކަ ދައްކާނެ މީހެއް، އެހެންވީމަ ސިޔާސީ ބައެއް ބޭފުޅުން މީގެ ނާޖައިސް ފައިދާ ނަގަނީ، އެކަމަކު ދިމާވާ ކޮންމެ ކަމަކުން އަޅުގަނޑުމެން ކުރި ހޯދާނަން،"

އިދިކޮޅު ލީޑަރުންނަށް މިއަދު ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދުގެ ގުޅުމަށް ވަރަށް ބޮޑަށް ރައީސް މަލާމަތް ކުރެއްވި އެވެ. މީގެކުރިން ރައީސް މައުމޫން ފެންނަ ކޮންމެ ތާކުން ރައީސް ނަޝީދު އެމަނިކުފާނަށް އެއްޗެހި ގޮވާ ކަމަށާއި ރައީސް މައުމޫން ވެސް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަކަން ރައީސް ވިދާޅުވި އެވެ.

"ހުރިހާ ކަމެއްގެ ވެސް އެންމެންގެ އިމާމް" އަކީ ރައީސް މައުމޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ މިހާރު ރައީސް ނަޝީދަކީ ރައީސް މައުމޫންގެ އެކުވެރިއެއް ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރާއެކު އެހެން ބޭފުޅެއްގެ މަޝްވަރާއެއް ނެތި ރައީސް ނަޝީދު ވަނީ ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފަ ކަމަށެވެ. އިދިކޮޅު ބޭފުޅުންނަށް އެއް ގަލަށް ނޭރޭނެ ކަމަށާއި އިދިކޮޅު އެއް ކެންޑިޑޭޓަށް ވެސް ނުނެރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ވެސް ފާޑުވިދާޅުވެފަ އެވެ.

"ކިހިނެއްތޯ ގާސިމް ވާހަކަ ދައްކަވާނީ، ގާސިމް އެ އުޅުއްވަނީ ބޭސް ފަރުވާއަށް ވަޑައިގެންނެވި ގޮތަށް ފިއްލަވައިގެން، ގާސިމަކީ ފައިސާ ހުންނެވި ބޭފުޅެއް ނަމަވެސް ފައިސާ ހުންނެވި ކަމަށް ވާނީ އެ ފައިސާ ދައުލަތަށް ދެއްކީމަ، ގާސިމް ވާހަކަ ދައްކާނަމަ ރައްޔިތުން ބުނާނެހިދުމަތްތައް ނުލިބިގެން އުޅެނީ ގާސިމް ފައިސާ ނުދައްކާ އޮތުމުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް މިއަދު ފައްޓަވާފަ އެވެ. ރައީސް ވަނީ އެމަނިކުފާނުގެ ފޮޓޯ ޖަހާފައިވާ ދިދަ އާއި ގައުމީ ދިދަ ވިހުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އިދިކޮޅު ލީޑަރުންގެ ފޮޓޯގައި ނޯ ޖެހުމަށްފަހު ވިހުރުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ބަލިކުރަން ބޭނުންނަމަ އިންތިހާބަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނާ ބަހުސްކޮށް އެމަނިކުފާނުގެ ސިޔާސަތުތަކަށް ފާޑުކިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.