1 ފެބުރުއަރީގެ އަމުރު

މީހުން މާލެ ގެންނަން ޖޭޕީއިން ވެސް ނިންމައިފި

Feb 3, 2018
2

ސިޔާސީ ނުވަ ބޭފުޅެއް ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލުމުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް މާލެއަށް ރަށްރަށުން މީހުން ގެންނަން ޖުމްހޫރީ ޕާޓީން ގަރާރެއް ފާސްކޮށްފި އެވެ. އެމްޑީޕީއިން ވެސް ވަނީ އެފަދަ ގަރާރެއް ފާސްކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ހަވީރު ފާސްކުރި ގަރާރުގައިވާ ގޮތުން، އަމުރުގައިވާ ބޭފުޅުން މިނިވަންކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ. އަދި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނި 12 މެންބަރުންނަށް މަޖިލީހަށް ވަދެވޭނެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ. އެކަން ކުރުމަށް މާލެއަށް ރައްޔިތުން ޖަމާކުރުމަށެވެ.

އެމްޑީޕީ އާއި ޖޭޕީއިން މިގޮތަށް ގަރާރު ފާސްކުރިިއިރު ޕީޕީއެމްއިން ވަނީ މީހުން މާލެ ނައުމަށް ގޮވާލާފަ އެވެ. އަދި މިއަދު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އިދިކޮޅު ޕާޓީތަކުން މީހުން މާލެ ގެނެސް މަގުމަތިކޮށްލާނެ ކަމަށް ވިދާޅުވެ މާލެ މީހުން ނައުމަށް އެދިވަޑައިގެންފަ އެވެ.

ސަރުކާރުން ގެންދަނީ އެ ނުވަ ބޭފުޅުން މިނިވަންކުރުމަށް އެކި އުޒުރުތައް ދައްކައިގެން އެކަން ލަސްކުރަމުންނެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މަޝްވަރާ ވެސް ކުރައްވާފަ އެވެ. އަމުރާ ގުޅިގެން މަޝްވަރާ ކުރަން ޖެހުނީ އަނިލް ވިދާޅުވި ގޮތުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ކޮރަޕްޝަން އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހުން ދޫކޮށްލުމަށް އަމުރުކޮށްފައިވާތީ އެކަމުގައި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.

"ޑިއު ޕްރެސެސްގެ ތެރެއިން ކަންކަން ކުރިއަަށް ގެންދަން އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ، މިގޮތުން ޕީޖީއިން މިހާރު އެ މަސައްކަތް ފައްޓަވައި ލިސްޓްގައި ހިމެނޭ މީހުންގެ މައްސަލަތައް ދިރާސާކޮށް އަދި ވަރަށް އަވަސް ފުރުސަތެއްގަ ފުލުހުންނާއެކު މަސައްކަތް ކުރުމަށްފަހު ސުޕްރީމް ކޯޓަށް ގާނޫނީ ކަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުމާއި އަދި ކުރިއަށް ގެންދިޔުމަށް ޕީޖީއަށް ފެނިވަޑައިގަންނަވާ ގޮތްތަކާއެކު ހުށަހަޅާނެ،" އަނިލް ވިދާޅުވި އެވެ.

އަނިލް މިފަދަ ކަންބޮޑުވުންތަކެއް ފާޅު ކުރެއްވިއިރު، އަމުރުގައި ބުނެފައިވާ ގޮތުން ދޫކޮށްލަން އަމުރު ކުރި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު ޝަކުވާތަކަށް ބެލިއިރު ފެންނާތީ އެބޭފުޅުންގެ ޝަރީއަތް އަލުން ބޭއްވެންދެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށް ވެސް އަމުރުގައިވެ އެވެ.

އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.