ވިޔަފާރި

މަނަފަރު ރިސޯޓް ހިންގާ ކުންފުނިން ލަންކާގައި ރިސޯޓެއް ތަރައްގީ ކުރަނީ

ރާއްޖޭގެ މަނަފަރު ރިސޯޓް ހިންގާ ޔޫއޭއީގެ، ޖޭއޭ ރިސޯޓްސް އެންޑް ހޮޓެލް ކުންފުނިން ސްރީ ލަންކާގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޓޫރިޒަމްގެ ހަބަރުތައް ގެނެސްދޭ މެދުއިރުމަތީގެ ބައެއް އޮންލައިން ސައިޓުތަކުގައިވާ ގޮތުން ލަންކާގެ އިރުމަތީގައި އޮންނަ ކަރިތިވެލި ސަރަހައްދުގައި ތަރައްގީކުރާ މި ރިސޯޓު ހަދަނީ ލަންކާގެ ގްރެވިޓީ ރިސޯޓް ގްރޫޕް (ޖީއާރުޑީ) އާ ގުޅިގެންނެވެ.

"ޖޭއޭ އިކްލިޕްސް ބީޗް ރިސޯޓް" ގެ ނަމުގައި ރިސޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ނިމިގެން ދިޔަ އެރެބިއަން ޓެރެވަލް މާޓް (އޭޓީއެމް) ފެއާގެ ތެރޭގަ އެވެ. މި ރިސޯޓު ތަރައްގީ ކުރުމަށް ޖީއާރުޑީ ގްރޫޕުން ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޖޭއޭ ގްރޫޕުގެ ސީއޯއޯ ޑޭވިޑް ތޯމްސަން ވިދާޅުވީ މިއީ ޔޫއޭއީގެ ކުންފުންޏަކުން ސްރީލަންކާގައި ތަރައްގީ ކުރާ ފުރަތަމަ ރިސޯޓު ކަމަށާއި އެކަމާ ވަރަށް އުފާކުރާ ކަމަށެވެ.

"މިއީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ދުރަށް ރާވާފައިވާ ޕްލޭންގައި ހިމެނޭ ކަމެއް،" ޑޭވިޑް ވިދާޅުވި އެވެ.

ޖޭއޭ ގްރޫޕުން ލަންކާގައި ތަރައްގީކުރާ މި ރިސޯޓުގައި މަތީ ފަންތީގެ 108 ސުވިޓްސް އާއި ޕަޑި ޑައިވިން ސެންޓަރެއްގެ އިތުރުން ފުޑް އެންޑް ބެވަރޭޖް (އެފްއެންބީ) އަށް އައުޓްލެޓް ހުރެ އެވެ.

ޖޭއޭ ހޮޓެލް ގްރޫޕުން ސީޝެލްސްގައި ވެސް ރިސޯޓެއް ހިންގަމުންދެ އެވެ.