1 ފެބުރުއަރީގެ އަމުރު

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމުގެ ވިސްނުމެއް ނެތް: ސަރުކާރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ބެންޗަށް އެއްވެސް ބަދަލެއް ގެންނާކަށް ނޫޅޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޕީއެސްއެމް އާއި ޗެނަލް 13 އަށް އެކަނި ދައުވަތު ދީގެން ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމަށާއި ފަނޑިޔާރުން ބަދަލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ނުފޫޒު ގަދަ އިސް ފަރާތްތަކުން ވާހަކަ ފަތުރަމުން އަންނަ ކަމަށާއި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ކެބިނެޓުގައި އަދި ބަންޑާރަނައިބާ އެކުގައި ވެސް މަޝްވަރާ ކުރެވިފައި ނުވާނެ ކަމަށާއި އެފަދަ ބަދަލެއް ނުވެސް ގެންނާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އަޅުގަނޑު މިރޭ މި ޕްރެސް އަަށް އައުމުގެ ކުރިން ބަންޑާރަނައިބާ ވާހަކަދައްކާލިން، ބަންޑާރަނައިބު ވެސް ވިދާޅުވީ އެކަހަލަ އެއްވެސް ވިސްނުންފުޅެއް ނޫނީ އެކަހަލަ ކަމެއް އެނގިވަޑައިގެންފައެއް ނެތޭ،" ޒަމީރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ޒަމީރު ވިދާޅުވީ އިއްޔެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކޮށްފައިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވާ ކަމަށާއި ނަމަވެސް މިއަދު ކުރި މަސައްކަތުން އުއްތަމަފަނޑިޔާރާ ބައްދަލުވާ ގޮތެއް ނުވި ކަމަށެވެ. އެހެން ނަމަވެސް މާދަމާ އަލުން ބައްދަލުކޮށް ކަންކަން ކުރިޔަށް ދާނެ ގޮތް ހަމަޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗައް ބަދަލު ގެންނަން އުޅޭ ކަމަށް ނުފޫޒު ގަދަ ފަރާތްތަކުން ވާހަކަ ފަތުރަނީ އެއި އެ ކޯޓުން ނެރުނު އަމުރަށް ނުފޫޒު ފޯރުވާ ކަންކަން އިތުރަށް ގޯސް ކުރުމަށް ކަމަށެވެ. ނަމަވެސް އެއީ ޕީޕީއެމްގެ ވިސްނުމެއް ނޫން ކަމަށާއި އެފަދަ ކަމެއް މަޖިލީހުގެ ތެރެއިން ވެސް ކުރުމުގެ ވިސްނުމެއް ނުވަތަ މަޝްވަރާއެއް ވެސްކޮށްފައި ނުވާނެ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަބްދުﷲ އަރީފާ އާއި އަލީ ހަމީދާއި ޑރ. އަހްމަދު އަބްދުﷲ ދީދީ އަދި އާދަމް މުހައްމަދު އަބްދުﷲ އެވެ.